ENGLISH
19 އޭޕްރީލު 2025
ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތައް
05 ޑިސެމްބަރު 2024
|
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި،ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް މުހިންމު ކަންތައްތަކާއި، މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތްތައް ވަނީ ހިއްސާކުރައްވާފައެވެ.
މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިފަދަ ބަލިތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ނޭވާލުމުގެ ނިޒާމުގެ ބަލިތަކާއި، ކެންސަރާއި، ހަކުރު ބަލި އަދި ނަފްސާނީ އަދި ނާރުގެ މައްސަލަތައް ހިމެނޭ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. އަދި މި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުން ފާހަގަ ކުރެވެއެވެ. ދުންފަތަކީ މި ބަލިތަކަށް ހުށަހެޅުމަށް މެދުވެރިވާ މައިގަނޑު އެއް ހިރާސް ކަމުގައި ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.
ރާއްޖޭގެ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޙާލަތަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލިމަޑު ކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން ކަމުގައި ވަނީ ވިދާޅުވެފައެެވެ. ތަފާސް ހިސާބުތަކަށް ބަލައިލާއިރު، ސީދާ ދުންފަތުގެ ދުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 72 މީހުން މަރުވެއެވެ. މީގެ އިތުރުން ދުންފަތާ ގުޅުން ހުރި ބަލިތަކުގައި ކޮންމެ 2 ދުވަހުން މީހަކު މަރުވެއެވެ.
ރާއްޖޭގެ އެންމެ ފަހުން ހެދިފައިވާ ސްޓެޕްސް ސަރވޭގެ ނަތީޖާއިން ދައްކާ ގޮތުގައި މުޖުތަމަޢުގެ ކޮންމެ 4 މީހަކުން އެކަކީ ދުންފަތުގެ އިސްތިޢުމާލު ނުވަތަ ދުންފަތް ކޮންމެވެސް ގޮތަކަށް ބޭނުންކުރާ ފަރާތްތަކެވެ. 25.7 އިންސައްތަ މީހުންގެ ތެރެއިން އުމުރުފުރާ ތަކަށް ބަލާލައިފިނަމަ، 30 އަހަރާއި 46 އަހަރާ ދެމެދުގެ އުމުރުފުރާގައި އެންމެ ގިނައިން ދުންފަތުގެ ބާވަތްތައް ބޭނުން ކުރައްވާ ފަރާތްތައް ތިބިކަން ފާހަގަކުރެވެ އެވެ.
ރައްޔިތުން ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- 15 ނޮވެމްބަރުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުންކުރާ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރުން މަނާކުރުން
- 15 ޑިސެމްބަރުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުންކުރާ އުފެއްދުންތައް އިސްތިހާރު ކުރުމާއި ހިލޭ ބެހުން މަނާކުރުން
- ދުންފަތުގެ ބާވަތް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ކަނޑައެޅުން
- ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ ޢިމާރާތްތަކާއި އެތަންތާގެ ގޯތީގައި ދުންފަތުގެ އިސްތިޢުމާލު ކުރުން 15 ނޮވެމްބަރުން ފެށިގެން މަނާކުރުން
- ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުން ނޮވެމްބަރު 15 އިން ފެށިގެން މަނާކުރުން
- ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ނުވަތަ އެތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލާއިރު، ޢާންމުކޮށް ނުފެންނާނެހެން ބެހެއްޓުން ލާޒިމުކުރުން
- ރާއްޖެއަށް ދުންފަތުގެ ބާވަތެއް އެތެރެ ކުރުމާއި ރާއްޖެއިން ބޭރު ކުރުމަށާއި، ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ހެލްތު މިނިސްޓްރީން ވަކި ހުއްދައެއް ނެގުން ލާޒިމުކުރުން
ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އަދަދުތައް ކަނޑައެޅުން. މިގޮތުން:
- ވޭޕްގެ އާލާތާއި ސާމާނު އެތެރެކޮށްފިނަމަ 50,000 ރުފިޔާ އަދި ކޮންމެ އާލާތަކަށް 10,000 ރުފިޔާ
- ވިއްކައިފިނަމަ 20,000 ރުފިޔާ އަދި ކޮންމެ އާލާތަކަށް 10,000 ރުފިޔާ
- ހިލޭ ބަހައިފިނަމަ 10,000 ރުފިޔާ
- ބޭނުންކޮށްފިނަމަ 5,000 ރުފިޔާ
- ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ މަތީގައިވާ ޖޫރިމަނާގެ އަދަދުގެ އިތުރުން 50,000 ރުފިޔާ
ދުންފަތް ކޮންޓްރޯލްކުރުމަށް މިހާރު ކުރަމުންދާ އަދި ކުރެވިފައިވާ ބައެއް ކަންކަމުގެ ތެރޭގައި:
- "ދަފަރާ" ކެމްޕޭން ހިންގުން: ރައްޔިތުންނާ ގުޅުންހުރި މުއައްސަސާތަކަށް ރަށު ފެންވަރުގައި އެންމެން ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ހިންގަމުން ގެންދޭ
- ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒު ކޮށްގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- ސެޒޭޝަން ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ލިބޭނެ ގޮތް އިންތިޒާމް ކުރުން.
- ސިއްޙީ ޚިދުމަތްތެރިން ސެޒޭޝަންގެ ފަރުވާ ދިނުމަށް ތަމްރީނު ކުރުން.
މި މަސައްކަތްތަކުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލުކުރުން މަދު ކުރުމަށާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ސިއްޙީ ވުޒާރާއިން އުންމީދު ކުރައްވަ އެެވެ.
ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް 24 ގަޑިއިރުގެ ހޮޓްލައިނެއް ޤާއިމުކުރުން
ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް 24 ގަޑިއިރުގެ ހޮޓްލައިނެއް ޤާއިމުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުންފަތުގެ މައްސަލަތައް ހައްލުކުރުމަށް ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި މި "ކުއިޓް ލައިން" ޤާއިމުކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މެދުވެރިކޮށެވެ. މި ޚިދުމަތް ފެށިގެންދާނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ މި ހޮޓްލައިންގެ ނަންބަރަކީ 1676 އެވެ. މި ނަންބަރަށް ގުޅައިގެން 24 ގަޑިއިރު ޚިދުމަތް ހޯދޭނެއެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް 5 އަހަރު ދުވަހުގެ ޕްލޭނެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) ގެ އެހީތެރިކަމާއެކު ވަނީ ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލުން ރައްޔިތުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ދަފަރާ ކެމްޕޭން: ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށު ފެންވަރުގައި ހިންގޭ މުހިންމު މަސައްކަތް
ރައްޔިތުންނާ ގުޅުންހުރި މުއައްސަސާތަކުގެ އެއްބާރުލުމާއެކު، ރަށު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި "ދަފަރާ" ނަމުގައި ކެމްޕޭނެއް ހިންގަމުން ގެންދެވެއެވެ. "ދަފަރާ" މި ނަމުގެ މާނައަކީ ރައްކާތެރިކަމާއި ޕްރިވެންޝަންއެވެ. މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ 5 ކަމަކަށެވެ. އެއީ:
1. އާންމުން ހޭލުންތެރިކުރުން
2. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ކުދިންގެ ނިސްބަތް މަދުކުރުން
3. ބެލެނިވެރިންނާއި އާއިލާ ބާރުވެރި ކުރުވުން
4. ދުންފަތް ބޭނުން ކުރަން ފަށާފައިވާ ނުވަތަ ކުރަމުންދާ ފަރާތްތައް ސަލާމަތް ކުރުމަށް ދޭން ޖެހޭ ސެޒޭޝަން ފަރުވާއަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުން
5. ޕޮލިސީއަށް ބަދަލު ގެނައުމަށް އެޑްވޮކޭޓް ކުރުން
މިހާތަނަށް މި ކެމްޕޭން ހިންގާފައިވަނީ ނ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި ސ. އަތޮޅުގައެވެ. މީގެ އިތުރުން އެހެން ބައެއް އަތޮޅުތަކުގައި ވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
ކެމްޕޭނުގެ ދަށުން ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއެކު މަޝްވަރާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ ރޯޑް މެޕެއް އެކުލަވައި ލެވިފައިވެ އެވެ. އަދި އެ ރަށެއްގައި ހިމެނޭ އޯގަނައިޒޭޝަންތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކު ވެސް މަޝްވަރާކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރެވިފައި ވެއެވެ.
މީގެ އިތުރުން، ކޮންމެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްތެރިންނަށް ސެޒޭޝަން ފަރުވާ ދިނުމަށް ތައްޔާރުކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމްތައް ވެސް ވަނީ ހިންގިފައެވެ. މި ކެމްޕޭނުގެ ދަށުން މިހާތަނަށް 324 ބެލެނިވެރިންނާއި މުދައްރިސުންނާ ވަނީ ގުޅުން ބަދަހި ކުރެވި، ގިނަ އަދަދެއްގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވިފައެވެ.