ENGLISH

08 ޖެނުއަރީ 2026

Advertisement

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 44 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ޝަރީޢަތުގެ އަޑުއެހުމެއްގައި ބައްސާމް: މިއަދު ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު މައްސަލައެއްގައި އަނެއްކާ ވެސް ޖަލަށްލާން ހުކުމްކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ބައްސާމް 23 އަހަރަށް ޖަލަށްލައި 44 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. 

ބައްސާމް މިފަހަރު ޖަލަށްލީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމް އަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައެވެ. 

ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމަށް ކުރީ އެފްއޭމްއަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުންނެވެ. 

ބައްސާމާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނީ، އެ ފައިސާ ބައްސާމް ބޭނުންކުރީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސް ގަތުމަށް ކަމަށެވެ. އެކަން ބައްސާމް ކުރީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ އެ ފައިސާ އެފްއޭއެމްއިން ނެރުމަށްފަހު އަމިން އެވެނިއު އެޕާޓްމަންޓް ގަތުމަށް ފައިސާ ޚަރަދުކޮށްގެންނެވެ. 

މައްސަލަ ބެެއްލެވި ގާޒީ މުޙައްމަދު މިސްބާހު އިއްވެވި ޙުކުމުގައިވާ ގޮތުން، ފައިސާ ނަހަމަ ގޮތުގައި ބައްސާމް ބޭނުންކުރުމުން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދެވުމާއި އިތުރު ލޯނުތައް ނަގައި އެފްއޭއެމް ދަރަނިވެރިވިއެވެ. އެފްއޭއެމް މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުމާއެކު، އެއީ ބައްސާމްގެ ސަބަބުން ވީކަމަކަށް ވާތީ، އަދަބު ބޮޑުކުރަން ޖެހޭ ކަމެއްކަން ގާޒީ ފާހަގަކުރެއްވިއެވެ. 

ބައްސާމް ގަތް އެޕާޓްމަންޓް ވެސް ދައުލަތަށް ނެގުމަށް ދައުލަތުން އެދިފައިވެއެވެ. އެހެންނަމަވެސް، ބައްސާމް ހިޔާނާތްތެރިވި ފައިސާ ބޭނުންކުރީ ސީދާ އެޕާޓްމަންޓް ގަންނަންކަން ސާބިތުނުވާތީ، އެ ހުށަހެޅުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. 

އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު ދައުލަތުން އެދުނީ ބައްސާމް ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމަށެވެ. އެގޮތުން 61 ދުވަސް ތެރޭގައި އެޕާޓްމަންޓް ގަންނަން ބައްސާމް ދެއްކި 5.7 މިލިއަން ރުފިޔާއަކީ ބައްސާމް ލޯންޑާކޮށްގެން ހޯދި ފައިސާކަމަށް ވަނީ ސާބިތުވެފައެވެ. 

ބައްސާމްގެ މައްޗަށް ސާބިތުވި ދައުވާތަކާއެކު، ލޯންޑާކުރި ފައިސާގެ ފަސް ގުނަ އަދަދުގެ ޖޫރިމަނާއެއް ކުރުމަށް ކަނޑައެޅިއެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި ބައްސާމް ދައްކަން ޖެހޭ އަދަދަކީ 44.7 މިލިއަން ރުފިޔާކަމަށް ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ. 

ބައްސާމަށް 23 އަހަރުގެ އިތުރު ޖަލު ހުކުމެއް އިއްވިއިރު، އޭނާގެ މައްޗަށް ކުރިން އިއްވި ނުވަ އަހަރުގެ ހުކުމާއެކު ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް މިހާރު ވަނީ އިއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު