ENGLISH

10 އޭޕްރީލު 2025

Advertisement

ފްރެންކްފާޓް ބަލިކޮށް ލީޕްޒިގު ކުއާޓާ އަށް

05 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖަހައިދިނުމަށް ފަހު ލީޕްޒިގުގެ އޮޕެންޑާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ކަޕްގެ ދެވަނަ ބުރުގައި، ރޭ ކުޅުނު މެޗުގައި އެއިންޓްރަކްޓް ފްރެންކްފާޓްއާ ދެކޮޅަށް ކުޅެ 3-0 އިން އާރްބީ ލީޕްޒިގު މޮޅުވެއްޖެ އެވެ.

މިއީ ހުރިހާ މުބާރާތެއްގައި، އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާ، ލީޕްޒިގަށް މުހިއްމު މޮޅެކެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވީއެފްއެލް ވުލްފްސްބާގް އަތުން ބަލިވީ 5-1 އިންނެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ އޮކްޓޫބަރު މަހު ގައެވެ.

ރެޑް ބުލް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ލީޕްޒިގުން ލީޑު ނެގީ ބެންޖަމިން ސެޝްކޯ ކާމިޔާބުކުރި ގޯލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ބެލްޖިއަމް ފޯވާޑް، ލޮއިސް އޮޕެންޑާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ލީޕްޒިގުގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް އޮޕެންޑާ އެވެ. އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އެންޓޯނިއޯ ނޫސާ އެވެ.

ލީޕްޒިގަށް ދެން އޮތީ ލީގުގައި މި މަހުގެ ހަތްވަނަ ދުވަހު ރަށުން ބޭރުގައި ހޯލްސްޓެއިން ކިއެލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު