ENGLISH

19 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި

05 ޑިސެމްބަރު 2024

|

އެމް އެމް

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ވ) އިންޑިއާ ސަފީރު މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ދިވެހި ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަންދެއްވައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައިވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ) އިންޑިއާ ސަފީރު މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ވަނީ، އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޜަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައްވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދުވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި މި ވަދާޢީ ޒިޔާރަތް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަމުގައި ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު