ENGLISH
19 އޭޕްރީލު 2025
ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް ނިކޮޓިން ޕެޗާއި ގަމް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
05 ޑިސެމްބަރު 2024
|
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް
ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ސިއްޙަތާބެހޭ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުއިކް ލައިންގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުއިކް ލައިން ނަންބަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1676 އެވެ. މިއީ 24 ގަޑިއިރު ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ކުއިކް ލައިންއެކެވެ. މި ކުއިކް ލައިން އަށް ބޭނުންވާ ފަންނީ މުވައްޒަފުން މިހާރު ތަމްރީން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުއިކް ލައިނަށް ގުޅައިގެން ފޯނުން ދެވޭ ޚިދުމަތްތަކުގެ އިތުރަށް ނިކޮޓިން އެޑިކްޝަނުން ދުރުވުމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރާނެއެވެ. މި ޚދުމަތް ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ އެޗްޕީއޭ މެދުވެރިކޮށެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ.
ވަޒީރު ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށެވެ.
ރާއްޖޭގައި ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދޭނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ، ޓްރީޕް އަދި ދަމަނަވެށިންނެވެ. އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މި ފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަަޅާފައެވެ. އޭގެ ތެރޭގައި ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުން، އަދި ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.