ENGLISH

19 އޭޕްރީލު 2025

Advertisement

މި ޒަމާނުގައި މިނިވަންކަމަށް ހަމަލާދެނީ ހައިބްރިޑް ހަތިޔާރުން، އެކަމާ ދެކޮޅަށް ޒުވާނުން ތެދުވަން ޖެހޭ: ނައިބު ރައީސް

04 ޑިސެމްބަރު 2024

|

އެމް އެމް

މިރޭގެ ޖަލްސާގައި ނައިބް ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ޕީއެސްއެމް

ޤަޢުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހަމަލާދޭން، މި ޒަމާނުގައި ބޭނުންކުރަނީ ހައިބްރިޑް ހަތިޔާރު ކަމަށާއި، އެ ހަނގުރާމަ އާ ކުރިމަތިލާން، ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް ދިވެހި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް މިރޭ ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހުރަވީ ދުވަސް ފާހަގަކޮށް ޤައުމީ އަބުތޯލުންގެ ޒިކުރާ މިއަދު އާކުރަމުންދާއިރު، މިއަދު އިއްޔެ އާ ތަފާތު ކަމަށާއި އިއްޔެގެ ފަސްމާގާއި މާދަމާގެ ކުރިމަގު ތަފާތު ކަމަށެވެ.

މިގޮތުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔޭގައި ތޮޅެނީ ހަމައެކަނި ލޮންސިއާ ކަނޑި ބަޑި، ނުވަތަ ބޮމަކުން ނޫން ކަމަށާއި، މިއަދު ތޮޅެނީ ފިކުރީ ގޮތުންނާއި މައުނަވީ ވިސްނުމާއި ފިކުރުންނެވެ.

އަދި މިއަދު ހަނގުރާމަތަކުގައި ޤަޢުމުތައް ސުންނާފަތިކުރުމުގައި ބޭނުންކުރަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ އެފަދަ ނުރައްކާތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް އިންްޓަނެޓްގެ ޒަރީޔާއިން މިއަދު ހަމަލާތައް ދީ. ދޮގު މަޢުލޫމާތު ފަތުރައި އިޤްތިސާދީ ފިއްތުންތައް ކުރިމަތި ކުރުވައި ސަގާފީ ނުފޫޒުގެ ތެރެއިން ޤަޢުމުތަކުގެ ޤައުމިއްޔަތާ ކުޅެމުންދާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ހައިބްރިޑް ހަނގުރާމައިން ދަފަރާވާން ކުރަންޖެހިފައިވާ ކަންކަން ވަރަށް ގިނަ ކަމަށާއި، އެކަންކަމުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ މަސައްކަތުގައި ދިވެހި ޒުވާނުން އިސް ނަގައި، ފުރިހަމައަށް ބައިވެރިވެ، ނަމޫނާ ޖީލަކަށް ވާންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިބްރިޑް ހަނގުރާމަ އާ ކުރިމަތުލުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް އަޅުގަނޑު ގޮވާލަން. 21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުނުގެ އުކުޅުތަކާއި ގޮތްތައް ދަސްކުރަން އަދުގެ ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ. "މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ނިކަން ވަރުގަދަ އަޒުމަކާ އެކުގައި."

ކިޔުންތެރިންގެ ހިޔާލު