ENGLISH
31 ޑިސެމްބަރު 2025
ޗައިނާގެ ހިލޭ އެހީގެ ދަށުން ޕްލާންޓް ނާސަރީ ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި
30 ޑިސެމްބަރު 2025
|
ނާސަރީގެ މަސައްކަތްތައް ޗައިނާ ކުންފުންޏާއި ހަވާލުކުރުން---ފޮޓޯ:އެޗްޑީސީ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ޕްލާންޓް ނާސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއާއި ގުޅިގެން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ މި އަހަރުގެ މެއި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"ހުޅުމާލެ ގްރީން ނާސަރީ ލޭންޑް" ގެ ނަމުގައި މި މަސައްކަތް ފެށުމަށް މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެރެއިން ވަނީ މި ނާސަރީ ޤާއިމްކުރުމާއި ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި މަޝްރޫޢުއާއި ގުޅިގެން އެޗްޑީސީން "އެކްސް" ގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މިއަދު މި ފެށި މަސައްކަތަކީ ފަސް މިލިއަން ގަސް އިންދުމުގެ މަސައްކަތަށް ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށެވެ.
މި ނާސަރީއަކީ ރާއްޖެއިން ބޭރުން ލިބޭ ގަސްތަކާއި މުޑުވައް އާލާކޮށް، ފަސް މިލިއަން ގަސް ޕްރޮގުރާމު ހިންގުމަށް މީހުން ތަމްރީނުކުރުން ފަދަ ކަންކަން ކުރުމަށް ބޭނުންކުރެވޭނެ ނާސަރީއެއް ކަމުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވިއެވެ.
މީގެއިތުރުން ނާސަރީގައި ހަރަކާތްތެރިވާނެ ޚާއްސަ މަސައްކަތްތެރިން ތަމްރީނުކުރުމާއި ވަޒީފާތަކަށް ނެގުމަކީ މިފަދަ ނާސަރީއެއް ޤާއިމްކުރުމުގެ މަޤުސަަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނާސަރީގައި ހިމެނޭނެ ބައިތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ މި ނާސަރީގައި ލެބޯޓްރީއަކާއި، ޓްރެއިނިން ރޫމްތަކާއި، އޮފީސްތަކުގެ އިތުރުން ގްރީންހައުސްއެއް ހިމެނޭނެކަމަށެވެ.
ރާއްޖެ ފެހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ކުރިޔަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިލިއަނަކަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.