ENGLISH

30 ޑިސެމްބަރު 2025

Advertisement

ގޭންގުތަކުގެ ހޮޓްސްޕޮޓްތަކުގައި ކުށްކުރާ މީހުންނާއެކު ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާތީ ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

30 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ މާލޭ މަގުމަތީ ހަރަކާތްތެރިވަނީ

ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތައް ބަލައިފާސްކުރާއިރު އެތަންތަނުގައި ކުށުގެ ރެކޯޑު އޮތް މީހުންނާއެކު ކުޑަކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރާކަން ފުލުހުންނަށް ފާހަގަކުރެވި އެކަންކަމާމެދު ބެލެނިވެރިން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. 

ފުލުހުންގެ ހިދުމަތުން ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ގޭންގް ކްރައިމް އެންފޯސްމެންްޓު ވިންގުގެ ހެޑް ސްޕްރިންޑެންޓް އޮފް ޕޮޮލިސް އިސްހާގު އާދަމް ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަސްދީގުކުރެވި އެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ގޭންގު ހަދައިގެން ކުށްކުރަމުން އައި މީހުންގެ ހަރަކާތްތައް މާލެއާއި އަތޮޅު ތެރޭގައިވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. 

އެ ގާނޫނުގެ ދަށުން ފުލުހުންގެ މަސައްކަތް ބައްޓަންކޮށްފައިވާ ގޮތަށް އަލިއަޅުވައިލައްވަމުން އިސްހާގު ވިދާޅުވީ ތަހުގީގުތައް ހިންގުމުގެ އިތުރަށް ގޭންގު ކުށްތައް ހުއްޓުވައި، އެކުށްތަކަށް އަރައިގަތުން މަދުކުރުމަށް އަމިއްލަ އިސްނެގުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހުއްޓުމެއް ނެތި ކުރަމުންދާ އެއްކަމަކީ ކުށްކުރާ ގުރޫޕުތަކުން އެއްވެ ޖަމާވާ ތަންތަން ކަމުގައި ފާހަގަކުރެވޭ ތަންތަނަށް ފުލުހުން ގޮސް، އެތަންތަނުގައި ތިބޭ މީހުން އެތަންތަނުން ފޮނުވައިލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ދެވަނަ ކަމެއްގެ ގޮތުގައި ފުލުހުން އެއްކުރާ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ގޭންގުތަކުން ސޭފްހައުސްތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ދެނެގަނެ، އެތަންތަނަށް ކޯޓު އޯޑަރުތަކާއެކު ވަދެ ބަލައިފާސްކުރުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށް އިސްހާގު ވިދާޅުވިއެވެ. 

އިސްހާގު ވިދާޅުވި ގޮތުގައި ގޭންގުތައް އެއްވާ ތަންތަން ނުވަތަ ހޮޓްސްޕޮޓުތަކަށް ފުލުހުން ގޮސް ބަލައިފާސްކުރާ ކުރުމުގައި ކުށުގެ ރެކޯޑު އޮތް ކުށްކުރާ މީހުންކަމަށް ބެލެވޭ މީހުންނާއެކު ކުޑަކުދިން ވަރަށް ގިނަ ވަގުތުތައް ހޭދަކުރާކަން ފާހަގަކުރެވެއެވެ. އެފަދަ ތަންތަނުގައި ތިބޭ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެ ކުދިންގެ ބެލެނިވެރިންނަށް ގުޅައި، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށްފަހު ބެލެނިވެރިންނާ ކުދިން ހަވާލުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން މި އިންޓަވީންކުރާ ހޮޓްސްޕޮޓްތަކުގައި އަޅުގަނޑުމެންނަށް ފާހަގަވާ އެއްކަމަކީ ކުށްކުރާ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކާއެކު ކުޑަކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރާކަން. މިފަދަ މައްސަލަތަކުގައި އަޅުގަނޑުމެން އަމަލުކުރާ ގޮތަކީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކުދިން އެތަނުން އެކަހެރިކޮށް، މިކުދިންގެ ފަރާތުން ބެލެނިވެރިންގެ މައުލޫމާތު ހޯދައި، ބެލެނިވެރިންނަށް މި މައުލޫމާތު ދީ ބެލެނިވެރިންނާ ހަވާލުކުރަނީ،" އިސްހާގު ވިދާޅުވިއެވެ. 

ކުޑަކުދިން ކުށްވެރިންނާއެކު ވަގުތު ހޭދަކުރާކަން ފާހަގަކުރެވުމާއެކު އިސްހާގުވަނީ ކުޑަކުދިން ވަގުތު ހޭދަކުރަނީ ކޮންބަޔަކާއެކުކަން ބަލައި، އެކުދިން އުޅޭ ނޫޅޭ ގޮތް ގާތުން ބެލުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. 

ތަފާސްހިސާބުން ފުލުހުންގެ މަސައްކަތް

އިސްހާގުވަނީ ގޭންގް ކްރައިމް އެންފޯސްމެންޓް ވިންގުން ކުރެވިފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން 17،483 ފަހަރު މީހުން ހުއްޓުވައި ސުވާލުކުރެވިފައިވެއެވެ. އެއީ ކުށްކުރާ މީހުން ޖަމާވާ ތަންތަނުގެ ގޮތުގައި ބެލެވޭ ތަންތަނުގައި ފުލުހުން ހިންގާފައިވާ ހަރަކާތްތަކުގެ ތެރެއިން މީހުން  ހުއްޓުވައި ސުވާލުކުރެވުނު އަދަދެވެ. 

އޭގެ އިތުރަށް ކުށްކުރާަ ގޭންގުތަކުގެ ހޮޓްސްޕޮޓްތައް ކަމުގައި ބެލެވޭ ތަންތަން 75،441 ފަހަރު ބަލައިފާސްކުރެވުނު ކަމުގައި އޭނާ ވިދާޅުވިއެވެ. 1092 އުޅަނދު ބަލައިފާސްކުރިއިރު، 2769 ފަހަރު ކުޑަކުދިން ހުއްޓުވައި ސުވާލުކުރެވިފައިވާކަމަށް އިސްހާގު ވިދާޅުވިއެވެ. 

އިސްހާގު ވިދާޅުވި ގޮތުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަތް މައްސަލައެއް ހުށަހެޅިފައިވާއިރު، ހަ ތަނަކަށް ރެއިޑްކޮށް 11 މީހަކު ހައްޔަރުކޮށްފަައިވެއެވެ. އެއިން ދެ މީހުން މިހާރުވެސް ތިބީ ބަންދުގައެވެ. އަދި ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރުވަނީ ފޮނުވިފައެވެ. 

މި އަހަރުގެ މޭ މަހުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވުމާއެކު، ފުލުހުންވަނީ ގޭންގުތަކުގެ ހަރަކާތްތައް މަދުކުރުމަށް އިންތިޒާމީ ގޮތެއްގައި މުޅި ރާއްޖޭގައި ގިނަ ހަރަަކާތްތަކެއް ހިންގަން ފަށާފައެވެ. 

ކިޔުންތެރިންގެ ހިޔާލު