ENGLISH

30 ޑިސެމްބަރު 2025

Advertisement

ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ މިއަދު އަވަހާރަވުމާ ގުޅިގެން މީސްމީޑިޔާ މަންސަަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. 

ރައީސްގެ ޕޯސްޓުގައި އެމަނިކުފާނުވަނީ ބަންގުލަދޭޝް ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ބޭގަމް ހާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ފުން ތައުޒިޔާއެއް ފޮނުއްވާފައެވެ. 

މިވަގުތު ފުން ހިތާމައެއް ތަހައްމަލުކުރަމުންދާ އެކަމަނާގެ އާއިލާއަށް މި ހިތްދަތި ދަނޑިވަޅުގައި ހިތްވަރާއި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސްވަނީ މާތްﷲގެ ޙަޟްރަތުގައި ދުއާކުރައްވާފައެވެ. 

ބަންގުލަދޭޝްގެ ސިޔާސީ މަސްރަހުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވަަމުން ވަޑައިގެންނެވި ހާލިދާ ޒިއާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސްވީ ފަހުން އުމުރުފުޅުން 80 އަހަރުފުޅުގައެވެ. 

ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައިގަނޑު ސިޔާސީ ވާދަވެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ޚާލިދާ ޒިއާ އަވަހާރަވުމާއެކު، ބަންގުލަދޭޝްގެ ސިޔާސީ ހަޔާތުން މުހިއްމު ބާބެއް ނިމުމަކަށް އައިސްފައިވާކަމަށް އެ ގައުމުގެ ސިޔާސީ މުހައްލިލުން ފާހަގަކުރައްވައެވެ. 

ބަންގުލަދޭޝްގެ އިންތިގާލީ ލީޑަރު މުހައްމަދު ޔޫނުސް އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާލިދާ ޒިއާއަކީ ބަންގުލަދޭޝްގެ ޑިމޮކްރެޓިކް ހަރަކާތުގެ މުހިއްމު ރަމްޒެއް ކަމަށެވެ. އަދި އެކަމަނާ އަވަހާރަވުމަކީ އެ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު