ENGLISH
11 އޭޕްރީލު 2025
ނޯޔާގެ ފުރަތަމަ ރަތް ކާޑާ އެކު ބަޔާން ކަޓައިފި
04 ޑިސެމްބަރު 2024
|
ބަޔާންއާ ލެވަކޫސަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
ޖަރުމަން ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ބަޔާ ލެވަކޫސަން އަތުން 1-0 އިން ބަލިވެ ބަޔާން މިއުނިކް މުބާރާތުން ރޭ ކެޓިއިރު އެ މެޗުގައި މެނުއަލް ނޯޔާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.
މިދިޔަ ސީޒަނުގައި ވެސް ޖަރުމަން ކަޕުން ބަޔާން ކެޓީ ދެވަނަ ބުރުންނެވެ.
ބަޔާނުން ރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑް، ހެރީ ކޭން ނުކުޅެ އެވެ.
އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ނޯޔާ އަށް ރަތް ކާޑު ދެއްކީ ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން ހުސްކޮށް ހުރެ ބޯޅަ ފޮނުވާލަން މަސައްކަތްކުރި ވަގުތު ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ ނޯޔާގެ މުޅި ކެރިއަރުގައި ވެސް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މި ރަތް ކާޑާ ގުޅިގެން މެޗުގެ ބޮޑުބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބަޔާން ކޮޅަށް ލެވަކޫސަނުން ލަނޑުޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ނޭތަން ޓެލާ އެވެ. އަލެކްސް ގްރިމާލްޑޯ ނަގައިދިން ހުރަހަކުން އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.
ބަޔާނަށް މެޗުގެ ނަތީޖާ އެއްވަރު ކުރަން ލިބުނު އެއްވެސް ފުރުޞަތެއްގެ ބޭނުމެއް ނުހިފުނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ދެވަނަ ޑިވިޝަނުގެ ޑާމްސްޓަޓް އަތުން ވާޑާ ބްރޭމަން މޮޅުވީ 1-0 އިންނެވެ.