ENGLISH

29 ޑިސެމްބަރު 2025

Advertisement

ބީއެމްއެލް އިން ކުރިއަށްގެންދާ ހައުސިންގ ޔުނިޓުގެ މަޝްރޫޢު ބޭރުގެ ބޮޑު ދެ ކުންފުންޏަކާ ހަވާލުކޮށްފި

29 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ބީޔޫސީޖީއާއި ސީއެމްއީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ބީއެމްއެލް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ހެޔޮ އަގުގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުގެ މަސައްކަތްތައް މިއަދު ހަވާލުކޮށްފިއެވެ.

ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުނި ކަމަށްވާ، ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އ އާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ.

އެގޮތުން، ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.

ބީޔޫސީޖީއާއި ސީއެމްއީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ބީއެމްއެލް

ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފައިވަނީ، ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗަރ މަސައްކަތް ކުރަމުންނެވެ.

މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ.

ބީއެމްއެލް އިން ބުނީ، މި ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ބީޔޫސީޖީއާއި ސީއެމްއީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ބީއެމްއެލް

މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިންގ ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 އާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފައެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި މި ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު