ENGLISH
29 ޑިސެމްބަރު 2025
ސަރުކާރުން ހުޅުވާލި ޓެކްސީ ޑްރައިވަރުންގެ ވަޒީފާއަށް 366 މީހުން ކުރިމަތިލައިފި
29 ޑިސެމްބަރު 2025
|
އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރަން ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން އިއުލާން ކުރުމުން 366 މީހުން ކުރިމަތިލާފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކުރީ މިދިޔަ މަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޓީސީސީއިން އިއުލާންކުރީ 407 ޑްރައިވަރުން ހޯދުމަށެވެ.
ވަޒީފާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 366 އެޕްލިކޭޝަން އެމްޓީސީސީއަށް ލިބިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެތެރެއިން ފުލްޓައިމް ޑްރައިވަރުންނަށް ވުމަށް އެދި 188 ހުށަހެޅުން ލިބުނުއިރު، ޕާޓް ޓައިމް ޑްރައިވަރުންގެ 178 ހުށަހެޅުމެއް ވަނީ ލިބިފައެވެ.
ޑްރައިވަރުން މަސައްކަތް ކުރާނީ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފްކުރާ ގްރޭޓާ މާލެ ސަރަޙައްދުގައިކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ޚިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި، މިވަގުތު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ. މި ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އާއްމު ދަތުރުފަތުރަށް ލުޔެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ޓެކްސީ ލައިން ފެށުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން އަންނަނީ އެމްޓީސީސީއާ ގުޅިގެން ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ޓެކްސީ ލައިނުގެ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލޭއިން ތިން ބިމެއް ވެސް ހަމަޖައްސައިފައެވެ.