ENGLISH

29 ޑިސެމްބަރު 2025

Advertisement

ގައުމީ ފުޓްސަލް ޓީމު ޓްރެއިނިން ކޭމްޕަކަށް މާދަމާ ޗައިނާ އަށް ފުރަނީ

29 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތަށް ތައްޔާރުވަމުން އަންނަ ފިރިހެން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން. ފޮޓޯ: އެފްއޭއެމް

ތައިލެންޑްގައި އަންނަ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ފިރިހެން ގައުމީ ފުޓްސަލް ޓީމުން ޓްރެއިނިންގ ކޭމްޕަކަށް ޗައިނާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އަންނަ މަހުގެ 14 އިން 26 ގެ ނިޔަލަށް ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން 40 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފަށާފައިވަނީ މި މަހުގެ ކުރީކޮޅު އެވެ.

އެފްއޭއެމުން ބުނީ، ސާފް ފުޓްސަލް މުބާރާތުގެ ކުރީން ޗައިނާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ކޭމްޕަށް ފިރިހެން ގައުމީ ފުޓްސަލް ޓީމު ފުރާނީ މާދަމާ ކަމަށެވެ.

އަދި، ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު، މުބާރާތް ކުޅުމަށް ސީދާ ތައިލެންޑަށް ޗައިނާ މަގުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދާއެކު ފިރިހެން ގައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، މިހާރު ތިބި 18 ކުޅުންތެރިންގެ ސްކޮޑު ކުޑަކުރުމަށްފަހު ޗައިނާގެ ޓްރެއިނިންގ ކޭމްޕަށް ދާނީ 17 ކުޅުންތެރިން ކަމަށް އެފްއޭއެމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ލީގު އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކަނޑައަޅާފައިވާއިރު، މި ފަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ ޑިވިޝަނުގައި ވެސް ރާއްޖޭން ވާދަކުރާނެއެވެ. 

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. 

ކިޔުންތެރިންގެ ހިޔާލު