ENGLISH
10 އޭޕްރީލު 2025
މަޔޯކާ އަތުން ބާސާ އަށް މުހިއްމު މޮޅެއް
04 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު ރަފީނިއާ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި މަޔޯކާ އަތުން 1-5 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 14 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. އެ ޓީމަށް ބާކީ ދެ މެޗު އޮތްއިރު، އެ މެޗުތައް ކާމިޔާބުކޮށްގެން ތާވަލްގެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.
މަޔޯކާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑު ނެގީ ފެރާން ޓޮރޭޒް ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑާ އެކު ފުރަތަމަ ހާފު ނިމެންދަނިކޮށް، މަޔޯކާ އަށް އެއްވަރުކޮށްދިނީ ވެދާތު މުރީޤީ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާ އިން އަލުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން، ރަފީނިއާ އެވެ. އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ލަމީން ޔަމާލް ދިން ބޯޅައަކުން ރަފީނިއާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޯން އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން، ބާސެލޯނާގެ ފަސްވަނަ ލަނޑުޖަހައިދިނީ ޑި ޔޯން ދިން ބޯޅައަކުން ޕައު ވިކްޓާ އެވެ.
ރޭގެ މެޗުން ބަލިވި މަޔޯކާ އޮތީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.