ENGLISH

10 އޭޕްރީލު 2025

Advertisement

ލެސްޓާއާ އެކު ނިސްޓެލްރޫއީ މޮޅަކުން ފަށައިފި

04 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލެސްޓާގެ ކޯޗު، ނިސްޓެލްރޫއީ. --

ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެ، ރޫޑް ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި، ވެސްޓް ހޭމް އަތުން 3-1 އިން މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ލެސްޓާ މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން ހަތަރު މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ އޮކްޓޫބަރު މަހު ގައެވެ.

ކިންގޕަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލެސްޓާގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން، ޖެމީ ވާޑީ، ބިލާލް އެލް ޙަންނޫސް އަދި ޕެޓްސަން ޑާކާ އެވެ.

ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު، ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރުގު އެވެ.

މި ނަތީޖާއާ އެކު ލެސްޓާ ވަނީ ތާވަލްގެ 15 ވަނަ އަށް ޖެހިލައިފައެވެ. އެ ޓީމު މިހާތަނަށް ކުޅުނު 14 މެޗުން 13 ޕޮއިންޓް ވަނީ ލިބިފައެވެ. މި މެޗުން ބަލިވި ވެސްޓް ހޭމް އޮތީ ދެ ޕޮއިންޓް ކުރީގައި، ތާވަލްގެ 14 ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އިން ވަނީ 1-0 އިން އިޕްސްވިޗް ޓައުން ބަލިކޮށްފައެވެ. ޕެލަސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ފަހު ހާފުގައި ޖީން-ފިލިޕް މަޓޭޓާ އެވެ.

ކިޔުންތެރިންގެ ހިޔާލު