ENGLISH
19 އޭޕްރީލު 2025
ފުވައްމުލަކު ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް؛ ގޭގެ މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށްފި
04 ޑިސެމްބަރު 2024
|
އަލިފާނުގައި ގޭގެ ބައެއް ތަންތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. ފޮޓޯ: އެމްއެންޑީއެފް
ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުމުގެ ސަބަބުން، އެގޭގެ މީހުން ރައްކާތެރި ތަންތަނަށް ވަގުތީ ގޮތުން ބަދަލުކޮށްފިއެވެ.
ފުވައްމުލަކުގައި ހިނގި އެ ހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ޝިވާ ގޭގައި ރޭ ރޯވި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ވަނީ ބަދަލުކުރެވިފައެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެ ސިޓީގެ މިސްކިތް މަގު "ޝިވާ" ނަމަކަށް ކިޔާ ގޭގަ އެވެ.
އެގޭގެ ބައެއް ހިސާބުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަލިފާނުގައި އަނދާފައެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 10:05 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަނަށް އެ މައުލޫމާތު ލިބުމާ އެކު، އެ ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. ފަޔަ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮދަޑިއެއްގައި ކަމުގަ އެވެ.