ENGLISH
19 އޭޕްރީލު 2025
ރައީސް އަމިއްލަ ނޯޓު ފޮތުގައި ލިޔުއްވައިގެން، ކައުންސިލުތަކުގެ މައްސަލައަށް ހައްލު ހޯއްދަވާ: ނަރީޝް
04 ޑިސެމްބަރު 2024
|
މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގާމްގައި ވާހަކަ ދަައްކަވަނީ-- ފޮޓޯ/އެމްއެމްޓީވީ
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ތެރޭގައި 160 އަށްވުރެ ގިނަ ކައުންސިލާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، އަމިއްލަ ނޯޓް ފޮތުގައި ލިޔުއްވައިގެން، ކައުންސިލުތަކުގެ ކަންބޮޑުވުން ތަކަށް ހައްލު ހޯއްދަވާ ދެއްވާ ކަމަށް، މާލެ ސިޓީގެ ޑިޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ނަރީޝް ވިދާޅުވީ މޭޔަރ ކަމުގައި ހުންނެވިއިރު ރައީސް މުޢިއްޒަށް ކުރީގެ ސަރުކާރުން ވަރަށް ގިނަ ގޮންޖެހުން ކުރިމަތިވެވަޑައިގަތް ކަމަށެވެ. އޭރު، ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ތަފާތަކީ ދިވެހި ރާއްޖޭގެ 160 އަށްވުރެ ގިނަ ކައުންސިލާއި އަދުގެ ރައީސުލް ޖުމްހުރިޔްޔާ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބައްދަލުކޮށް ނިންމަވައިފި. އެ ކައުންސިލްތަކުގެ ވިންދާއި އިޙުސާސާއި ޝުޢޫރާއި ކަންބޮޑުވުންތައް އަޑު އައްސަވައި ނިންމަވައިފި،" ނަރީޝް ވިދާޅުވި އެވެ. "އެ ކައުންސިލުތަކުން ބެނުންވާ ކަންތައް ތަކަކީ ކޮބައިކަން އަމިއްލަ ނޯޓު ފޮތުގައި ލިޔުއްވައިގެން އަމިއްލައަށް އެއަށް ހޯދަން ޖެހޭ ސޮލިއުޝަން ހޯއްދަވައިގެން، ކަންކަން ތަރުތީބުކުރަން ފަށައިފި."
ނަރީޝް ވިދާޅުވީ، ޤާނޫނީ ގޮތުންނާއި މާލީ ގޮތުން ކައުންސިލުތައް ބާރުވެރި ކަމަށް ވެސް ރައީސް މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުގައި މި ދައުރުގެ ތެރޭގައި 120 ކައުންސިލު އިމާރާތް ކޮށްދެއްވަން ނިންމަވައި، މާލީ ގޮތުން ކައުންސިލުތައް ބާރުވެރިކޮށްދިނުމަށްޓަކައި އިޤްތިސާދީ ނަފާ ހޯދައިދިނުމަށް، ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއް ފަޅުރަށްތައް ކައުންސިލުތަކަށް ދޫކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެންމެ ބޮޑު ރަނގަކަށް މި ސަރުކާރުން ކުރި ކަމަކީ ލޯކަލް ގަވަމަނަޓް މިނސްޓްރީ އެއް އުފެއްދުން. ރައީސަށް ފަސޭހަފުޅެއް ނުވާނެ އަންނަ ކޮންމެ ކައުންސިލަކާއި އެގޮތަށް ބައްދަލުކުރަން ނޫނީ ކަންބޮޑުވުމެއް އަޑު އަހާކަށް އެހެންވީމަ މެދުވެރިއެއް އެ ލެއްވީ. އެ މަނިކުފާނާއި ކޮންމެ ދުވަހަކު ކެބިނެޓުން ދިމާވާނެ ވަޒީރަކު ލެއްވީ،" ނަރީޝް ވިދާޅުވި އެވެ.
ރައީސުލް ޖުމްހުރިއްޔާ އަކީ ވަރަށް ބުރަކުން އުޅުއްވަން ޖެހިވައިގެންފައިވާ ބޭފުޅަކަށް ވާއިރު، ކައުންސިލުތަކުގެ ކަންކަން ބެއްލެވުމަށް ޚާއްސަ މިނިސްޓަރެއް ހުންނެވުމުގެ އެންމެ ބޮޑު ރަނގަޅަކީ، ކައުންސިލުތަކުގެ ކަންބޮޑުވުންތައް ވީހާ ފަސޭހައިން ރައީސުލްޖުމްހުރިއްޔާ އާ ހަމައަށް ގެންދެވެނޭ ގޮތް ހޯއްދަވައި ދެއްވުން ކަމަށް ނަރީޝް ވިދާޅުވި އެވެ.
"މިއަދު ސީދާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއަހާލުމަށްޓަކައި ވަޒީރަކު އެބަ އިންނަވާ. އެ ވުޒާރާއަށް ވަޑައިގެން ކަނބޮޑުވުންތައް ހިއްސާ ކުރީމަ. ރައީސުލްޖުމްހޫރިއްޔާ އާ ހަމަމަ އަށް ބަރާބަރަށް އެބަ އެ މައުލޫމާތުތައް ފޯރުކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ ރައީސް މުޢިއްޒު މެޔަރު ކަމުގައި ހުންނެވިއިރު، ބުޅާ ފެސިލިޓީ ޤާއިމު ކުރުމަށް ބިން ހަމަޖެއްސުމާއި ޕާކިން ބިލްޑިންގް ހެދުމަށް ބިން ހަމަޖެއްސުމުގައި ސަރުކާރުން ދަތިކުރި ކަމަށެވެ. ރައީސް މިހާރު ވަނީ އެކަން ސިޓީ ކައުންސިލަށް ހައްލުކޮށް ދެއްވާފައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.