ENGLISH

19 އޭޕްރީލު 2025

Advertisement

ބުޅާތަކަށް ހެދި އޮޅުހިޔާ މިިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

04 ޑިސެމްބަރު 2024

|

އެމް އެމް

ބުޅާ ފެސިލިޓީޒް ރައީސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލެ ސަރަހައްދުގެ ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވަހިކަން ދީ، ބެލެހެއްޓުމަށް ހެދި މަރުކަޒު އެގުރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް ސަރުކާރުން ސިޓީކައުންސިލަށް އަންގައިފިއެވެ. 

'އޮޅުހިޔާ'ގެ ނަމުގައި މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މަރުކަޒުގައި ކައުންސިލްގެ އިންތިޒާމުތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތަނަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން އިލްތިމާސްކުރާ ކަމަށް ބުނެ، އެނިމަލް ވެލްފެއާ މިނިސްޓްރީން ރޭ ބަޔާނެއް ނެރުނެވެ.

މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ކެބިނެޓުގެ ނިންމެވުމަކާ ހަވާލާ ދެއްވައި ސަރުކާރުން އިއްޔެ ވަނީ ބުޅާ ފެސިލިޓީ އެނިމަލްވެލްފެއަރ މިނިސްޓްރީއާ ހަވާލުކުރަން އަންގާފައެވެ.

އެހެންނަމަވެސް އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ތަން ބޭނުންކުރަން ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މިނިސްޓްރީއާ އެތަން ހަވާލުކުރަން އެންގާފައިވާ އެންގުމާމެދު މިއަދު ކައުންސިލުން ގޮތެއް ނިންމާނެއެވެ.

މީގެ ކުރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ އެތަނަށް ބުޅާތައް ގެންދިއުމަށް ސިޓީ ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުގެންދާ ކަމަށާއި އެތަނުގައި ބުޅާތައް ބަލަހައްޓާނެ ގޮޮތުގެ އުސޫލުތައް މިނިސްޓްރީން ކަނޑައަޅާ ސިޓީ ކައުންސިލުގެ މަޝްވަރާއަށް ފޮނުވާފައި ވީނަމަވެސް އަދާ ހަމައަށް ވެސް ކައުންސިލުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އެކަންކަމާ ގުޅިގެން މިނިސްޓްރީން އިސްނަގައިގެން ސިޓީ ކައުންސިލާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެންގީ އެބައްދަލުވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު