ENGLISH
19 އޭޕްރީލު 2025
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓުން: ސަރުކާރުން ދެނީ އިސްލާހީ އެޖެންޑާ ދަމަހައްޓާނެ ކަމުގެ ޔަގީންކަން
04 ޑިސެމްބަރު 2024
|
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: އިސްލާހީ އެޖެންޑާ ދަމަހައްޓާނެ
ދުނިޔޭގެ ކްރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަމަހައްޓަން ނިންމި ނިންމުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔައި، އިޤްތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒްކުރުމުގައި ދެމި އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ޔަގީންކަން ދީފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށް، އައުޓް ލުކް "ރިވިއު" އަށް ލާފަ އެވެ. އޭގެ ފަހުން ރޭޓިން ރިވިއު ކުރުމަށް ފަހު، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދެމެހެއްޓުމަށް މޫޑީސްއިން ނިންމާފައިވަނީ، ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް ރިޢާޔަތްކޮށް ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ފިނޭންސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މޫޑީސްގެ މި ނިންމުމުގައި ބަލާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކުރި އައު ބޭރު ފައިސާގެ ގަވާއިދު، އަދި ސަރުކާރުން ތަންފީޒުކުރަމުންދާ އާމްދަނީއާ ގުޅޭ އިސްލާހު ތަކަށެވެ. މީގެއިތުރުން، ރިޒަރވް ބޭންކް އޮފް އިންޑިއާއިން ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް ހޯދުމާއި، ބޭރު ފައިސާގެ ގަވާއިދަށް ގެނެވުނު ބަދަލުތަކުން ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ދައުރުވުން އިތުރުވެ، ސާފު ބައިނަލްއަޤްވާމީ ރިޒަރވް އިތުރުވާނެ ކަމަށް ބެލެވުން ވެސް ހިމެނޭ ކަމަށް ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެއިތުރުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުން، ޑަބަލް ޑެފިސިޓާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، އިއާދަ ކުރަނިވި ހަކަތަ އަދި ބޯހިޔާވަހިކަން ފަދަ ދާއިރާތަކަށް އަމިއްލަ ފަރާތްތަކާއެކު އައު ގޮތްތަކުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ މޫޑީސް އިން ފާހަގަ ކޮށްފައިވާ ނުރައްކާތައް ބަލައިގަނެ، މާލީ އަދި ބޭރުގެ ދާއިރާތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށް ރޭވިފައިވާ ފިސްކަލް ކޮންސޮލިޑޭޝަން ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ. އަދި "މޯލްޑިވްސް އިކޮނޮމިކް ރިފޯމް އެޖެންޑާ' ކާމިޔާބު ކަމާ އެކު ތަންފީޒުކުރެވުމުން އިޤްތިޞާދީ ކުރިއެރުން އިތުރުވެ، މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ޤާއިމު ކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށް ވެސް ބަޔާނުގައި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.