ENGLISH
19 އޭޕްރީލު 2025
ކުރިއަށް އޮތް ދެތިން މަސް ތެރޭ މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 172 އެނދު އިތުރުކުރަނީ
03 ޑިސެމްބަރު 2024
|
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި
ކުރިއަށް އޮތް ދެތިން މަސް ތެރޭގައި، މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 172 އެނދު އިތުރު ކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރައްޒާޤް ވިދާޅުވީ، ސިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ އެނދުގެ ދަތިކަން ކަމަށާއި އެކަން ޙައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ ކަމަށް ޙައްލެއް ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް ޗައިނާ އާއެކު ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް މަޝްވަރާކޮށްފައިވާކަން ޢަބްދުއްރައްޒާޤް ފާހަގަ ކުރެއްވިއެވެ.
އަދި މިހާރު ޗައިނާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖޫން ނޫނީ ޖުލައި މަހުގެ ތެރޭގައި، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޢަބްދުއްރައްޒާޤް ވިދާޅުވި ގޮތުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.
އެގޮތުން، މި އަހަރު ތެރޭގައި އެ މަސައްކަތް ނިންމައި، ޙިދުމަތް ދޭން ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެމެޖެންސީ ޔުނިޓަށް ދެ އެނދު އިތުރުކުރުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރެވިފައިވާ ކަމަށާއި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ވެސް ނިމޭނެކަމަށް ސިއީއޯ ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލަށް އިތުރު 28 އެނދު އިތުރުކުރުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެއެވެ.
" އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދަށް 316 އެނދުން 488 އެނދަށް އިތުރުކުރާނަމޭ. މާނައަކީ ޖުމްލަ 172 އެނދު މި ސަރަޙައްދަށް އިތުރުކުރާނަން." - ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް
މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިޔަސް، ޢަބްދުއްރައްޒާޤް ވިދާޅުވީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ އާބާދީގެ ނިސްބަތަށް ބަލާއިރު، ހޮސްޕިޓަލްތަކަށް އަދިވެސް އެނދު އިތުރު ކުރަން ޖެހޭ ކަމަށެވެ.
މިގޮތުން، މާލެ ސަރަޙައްދަށް 800 އެނދު އިތުރުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަން ފާހަގަކުރައްވައި، އެ ވަޢުދު މި ސަރުކާރުން ފުއްދަވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.