ENGLISH
23 ޑިސެމްބަރު 2025
އެފްޑީސީ ފުލެޓުތައް؛ 32 ޓަވަރުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިއްޖެ
23 ޑިސެމްބަރު 2025
|
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފުލެޓުތައް، ފޮޓޯ: އަވަސް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓުގެ ތަޅުދަަނޑި ހަވާލުކުރުމުގެ މަސައްކަތް މިހަފުތާ ތެރޭގައި ފެށޭނެކަމަށް އެފްޑީސީން ބުނެފިއެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލު ވިދާޅުވީ އެފްޑީސީ ފުލެޓުތަކުގެ މަސައްކަތް ކުރީ ސަރުކާރުން ކޮންޓްރެކްޓު ކުރީ މުހިއްމު ގިނަ މަސައްކަތްތަކެއް މަސައްކަތުގެ ސްކޯޕުގައި ޝާމިލުނުވާ ގޮތަށް ކަމަށެވެ. އެގޮތުން ޓަވަރުތަކަށް ކަރަންޓާއި ފެން ފަދަ އަސާސީ ޔުޓިލިޓީތައް ގުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނިފައި ނެތްކަން ފާހަގަކުރެއްވިއެވެ.
އިތުރަށް ހަމްދާން ވިދާޅުވީ އެ މަސައްކަތްތައް ކޮންޓްރެކްޓުގައި ނެތުމުން އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، އެމަނިކުފާނު އެކަމުގައި ކުރެއްވި މަސައްކަތްޕުޅާއެކު މިހާރު އެހުރިހާ މަސައްކަތެއްވެސް ވަރަށް ހަލުއިދުވެލީގައި ކުރެވެމުންދާ ކަމަށެވެ.
އެގޮތުން މިހާރު ކުރިއަަށްދަނީ ޓަވަރުތަކުގައި ގާއިމުކުރެވިފައިވާ މީޓަރު ރޫމުތަކަށް ކޭބަލްތައް ގުޅުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ފުލެޓުތައް ލިބުނު މީހުންނަށް ދެއްވާ ކަމަށެވެ.
އެ މަސައްކަތްތައް ނިމުމާ ހަމައަށްވެސް އެއްވެސް ފުލެޓަކަށް ބޭނުންވާ ފަރުނީޗަރު ރާއްޖެއިން ބޭރުން ގެނެސް އެތަކެތި ބަހައްޓާނެ ތަނެއް ނެތިވެފައި ތިބެންނުޖެހޭނެހެން އެތަކެތި ފުލެޓުތަކުގައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމުގައި ހަމްދާނު ވިދާޅުވިއެވެ. ނަމަވެސް ޔުޓިލިޓީ އެއްބަސްވުންތަކުގައި ސޮއިކުރެވޭނީ އެ ޓަވަރުތަކަށް ޔުޓިލިޓީ ވަސީލަތްތަައް ގުޅައިލެވެމުން ކަމަށެވެ.
އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ 32 ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ހަމްދާން ވިދާޅުވީ މިއަދުން ފެށިގެން ވަރަށް ހަލުއިކޮށް އެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި މާ ލަސްތަކެއެްނުވެ، ފުލެޓު ލިބުނު އެންމެނަށް ތަޅުދަނޑިތައް ހަވާލުކޮށް ނިމިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
"މިހާރު ކުރެވޭ މަސައްކަތްތަކުގެ ސަބަބުން މި ހަފުތާ ތެރޭގައި 32 ޓަވަރުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ޖުމްލަކޮށް އެއްކޮށް މިއަދު ފެށިގެން މިދިޔައީ. އެހެންވީމާ ދެން މާގިނަ ދުވަހެއް ނެތި ތިޔަ ބޭފުޅުންގެ ތަޅުދަނޑި ތިބޭފުޅުންގެ އަތަށް އަރާނެ،" ހަމްދާން ވިދާޅުވިއެވެ.
ހަމްދާން އިތުރަށް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ފުލެޓުތަކަށް ބަދަލުވުމުގެ ހުރިހާ މަސައްކަތެއް ޝެޑިއުލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދަކީ ތޮއްޖެހުމާއި، ތަނަށް ގެއްލުންވުން ފަދަ ކަންކަން މެދުވެރިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ފުލެޓުތަކަށް މީހުން ބަދަލުވުމުގެ އިންތިޒާާމުތައް ހަމަޖެއްސުން ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
އެފްޑީސީގެ ފުލެޓުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތް ހަލުއިކުރެއްވުމަށް އިސްކަންދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކައި ގިނަ މަސައްކަަތްތަކެއް އެފްޑީސީންވަނީ ފާއިތުވި ދުވަސްތަކުގައި ކޮށްފައެވެ.