ENGLISH
23 ޑިސެމްބަރު 2025
ކޮމާންޑް ސެންޓަރުގެ 911 އަށް ދުވާލަކު އެވްރެޖްކޮށް 1500 ކޯލް އާދޭ: ފުލުހުން
23 ޑިސެމްބަރު 2025
|
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --ފޮޓޯ: ޕީއެސްއެމް
ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ނަންބަރު 911 އަށް ދުވާލަކު އެވްރެޖްކޮށް ރައްޔިތުންގެ 1500 ކޯލް އަންނަ ކަމަށާއި، އެ ފޯން ކޯލްތަކަށް ދޭއް ނޫނީ ފަސް ސިކުންތުގެ ތެރޭގައި އެޓެންޑްވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ރަޝީދު އެ މަޢުލޫމާތު ހާމަކުރެއްވީ، ވިލިމާލެ، މާލެ އަދި ތިލަފުށި ހިމެނޭ މާލެ ޕޮލިސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ދިމާވާ ކުއްލި ހާލަތްތަކުގައި ގުޅޭނެ ނަމްބަރެއްގެ ގޮތުގައި 911 ނަމްބަރު ތައާރަފްކޮށް، ޚިދުމަތް ފެށީ، 2024 ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. އެއީ، އުނދަގޫ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަން ހޯދަން ފަސޭހައިން ގުޅޭނެ އެއް ނަމްބަރެއް އޮތުން މުހިއްމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ، 911 އަށް ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާއިރު އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުން 2025 ވަނަ އަހަރު 18،827 ޝަކުވާއަށް އެޓެންޑްވެފައިވާ ކަމަށެވެ.
މުޖުތަމަޢު އަމާން ރައްކާތެރިތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރާ މަސައްކަތުގައި، ކުށް ހިންގާކަމަށް ބެލެވޭ ތަންތަން 280،142 ފަހަރު ވަނީ ބަލައި ޗެކްކޮށްފައެވެ. އަދި، ޤާނޫނާއި ޤަވާއިދާ ޚިލާފުވެގެން 766 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް، ނުވަތަ ކުށުގެ ޢަމަލެއް ހިންގުމަށް ނުވަތަ ހިންގަން އުޅެފާނެކަމަށް ޝައްކުކުރެވިގެން 58،544 ފަހަރު މީހުން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވެއެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ، ޚާއްޞަކޮށް ކަނޑައެޅިފައި ހުރި ތަންތަނަށް ގޮސް ރައްޔިތުންނާ ގާތުން ބައްދަލުކުރުމުގައި ފުލުހުން ފައިމަގުގައި ވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އެފަދަ ތަންތަނަށް ޒިޔާރަތްކޮށް އަދި ޚާއްޞަކޮށް ކުށަށް ހުށަހެޅިދާނެ ކަމެއް ފާހަގަކުރެވޭ ތަންތަން ބެލުމަށް 10،627 ގަޑިއިރު ފައިމަގުގައި ފުލުހުން ހިނގާފައި އުޅުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކި މައްސަލަތަކުގައި މިއަހަރުތެރޭ ފުލުހުން 1231 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ވެހިކަލް ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތުގައި 13،445 ވެހިކަލް ހުއްޓުވައި، 2721 ފަހަރު މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އެގޮތަށް ހުއްޓުވުމުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފާހަގަވުމުން 56 މީހަކު މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ.
ފުލުހުން މިއަދު ވަނީ، ޑިސެމްބަރު 17 ވަނަ ދުވަހު ފުލުހުން ފެށި ބިދޭސީންނާ ސުވާލުކުރުމުގެ އޮޕަރޭޝަނުގެ ވެސް އަދާހަމަ ހާމަކޮށްފައެވެ. އެގޮތުން ރޭގަނޑު ދަންވަރު ބޭރުގައި އުޅުނު 102 މީހަކާ ސުވާލުކޮށްފައިވާއިރު ޤަވާއިދާ ޚިލާފު 12 ބިދޭސީއަކު ފާހަގަވިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ހަތަރު މީހެއްގެ މަޢުލޫމާތު ނަގައި ބައެއް މީހުން އިމިގްރޭޝަނާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.