ENGLISH
23 ޑިސެމްބަރު 2025
މާލޭގައި އެންމެ ގިނައިން ވަގަށް ނަގަނީ ސައިކަލު، ގެއްލުނު ސައިކަލުގެ %89 ފުލުހުން ހޯދައިދީފި
23 ޑިސެމްބަރު 2025
|
ޕާކިން ސރަހައްދެއްގައި ހުރި ސައިކަލުތަކެއް، ފޮޓޯ: މިހާރު
މާލެއިން ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށާއި، އެންމެ ގިނައިން ވަގަށް ނަގަނީ ސައިކަލުކަމަށާއި، ވަގަށް ނެގި ސައިކަލުގެ 89 އިންސައްތަ ސައިކަލު އަނބުރާ ހޯދައިދެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މާލޭ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ފުލުހުންގެ ހިދުމަތަށް މާލެއިން ހުށަހެޅިފައިވަނީ 3،449 މައްސަލައެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ހުށަހެޅުނު މައްސަލަތަކުގެ 41 އިންސައްތަ ނުވަތަ 1،425 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ވައްކަމުގެ މައްސަލަތަކުގެ 93 އިންސައްތައަކީ ސައިކަލާއި އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގައިގެން ހުށަހެޅުނު މައްސަލަތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް 967 ސައިކަލެއް ގެއްލިގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވެއެވެ. އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މިއިން 865 ސައިކަލުން ފުލުހުންގެ ހިދުމަތުންވަނީ އަނބުރާ ހޯދައިދީފައެވެ. އެއީ ގެއްލުނު ސައިކަލުގެ 89 އިންސައްތައެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ފުލުހުންގެ ހިދުމަތުން ހޯދި ސައިކަލުގެ ޖުމްލަ އަގު 47 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ސައިކަލުތައް ހިމެނޭހެން ގެއްލުނު އެކި ބާވަތްތަކުގެ މުދާ ހޯދައި ވެރިންނާ ހަވާލުކޮށްފައިވާއިރު، މިގޮތަށް އަލުން ވެރިންނަށް އިއާދަކޮށްދެވުނު މުދަލުގެ ޖުމްލަ އަގު 50 މިލިއަން ރުފިޔާއަށް އާނެ ކަމުގައި ވިދާޅުވިއެވެ.
މި އަހަރު އެންމެ ގިނައިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް ކަމުގައިވީ ނަމަވެސް، ފާއިތުވި އަހަރާ އަޅާބަލާއިރު ވައްކަމުގެ މައްސަލަތައް ހުށަހެޅުނު މިންވަރު މަދުވެފައިވާކަން އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނިމުނު އަހަރު މާލޭގައި ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައްވެސް މަދުކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންވަނީ ވަގުންގެ ކިބައިން މުދާ ރައްކާތެރިކުރުމަށް އަމިއްލަ ހައިސިއްޔަތުން ކޮންމެ މީހަކަށްވެސް އެޅޭނެ ބައެއް ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އެގޮތުން ސައިކަލުގެ މަޑިދަށުގައި އަގުބޮޑު ތަކެތި ނުބެހެއްޓުމާއި، ސައިކަލު ތަނެއްގައި ޕާކުކޮށްފައި ބަހައްޓާނަމަ ޝަޓަލޮކް އެޅުވުމާއި، ދިގު މުއްދަތަކަށް ފުރައިގެންދާ ހާލަތުގައި ސައިކަލު ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުން ފަދަަ ކަންކަމަކީ ވަގުންގެ ކިބައިން ސައިކަލު ރައްކާތެރިކުރެވޭނެ ގޮތްތައް ކަމުގއި ފުލުހުން ފާހަގަކުރިއެވެ.