ENGLISH

23 ޑިސެމްބަރު 2025

Advertisement

އެންމެ ބޮޑު ކާމިޔާބަކީ ގުޅިގެން މުޖުތަމައުގެ ހާލަތު ރަނގަޅުކުރުމުގެ ވިސްނުން އުފެދުން: ޑރ.ޢާއިޝަތު ޝިހާމް

23 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު، ފޮޓޯ: ސަން

ފާއިތުވި މުއްދަތުގައި އިޖުތިމާއީ އަަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެން ގުޅިގެން މުޖުތަމައުގެ ހާލަތު ރަނގަޅުކުރުމުގެ ވިސްނުން އުފެދުންކަމަށް އެ ވުޒާރާގެ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވީ ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ ވުޒާރާއަކީ ރައްޔިތުންނާ ކައިރިން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، އެކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތްކުރަންޖެހޭ ވުޒާރާއެކެވެ. އަދި އެވުޒާރާގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންކުރެވިފައިވަނީވެސް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ވިސްނުމަަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އަދި ދައުލަތުގެ ފަރާތުން ރައްކާތެރިކަމާއި އަޅައިލުން ލިބެންޖެހޭ ކޮންމެ މީހަކީވެސް ވުޒާރާގެ މެންޑޭޓުގެ ތެރެއަށް ވަންނަ މީހެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ވުޒާރާގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ވަށާޖެހޭ ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ. 

"ދިރިއުޅުމުގެ ދަތި ހާލެއް ނުވަތަ ކަންބޮޑުވުން ކުރިމަތިވުމުން ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި ދެމެހެއްޓެނެވި ގޮތުގައި ދާއިމީ ހައްލެއް ހޯދައިދިނުމަށް އެމީހުންނާ ގުޅިގެން އަޅުގަނޑުމެން މަސައްކަތްކުރަނީ،" ވުޒާރާގެ މަސައްކަތް ބައްޓަންކޮށްފައިވާ ގޮތުގެ އިތުރު ތަފުސީލު ބަޔާންކޮށްދެއްވައި މިނިސްޓަރު ވިދާޅުވިއެވެ. 

އާއިލާތަކުގައި އުފެދޭ ކަންބޮޑުވުންތަކާ ގުޅިގެން އެ އާއިލާތަކާއެކު ތަފާތު ބޮޑު ކުރިއެރުމެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ވުޒާރާއިން ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ހުނަރުތައް ދަސްކޮށްދީ މުޖުތަމައަށް ބޭނުންހިފޭ އަމިއްލަ ފުދުންތެރިކަމުގެ ދިރިއުޅެވޭ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވޭ ކަމަށެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ހާސިލުކުރެއްވުނު އެންމެ ބޮޑު ކާމިޔާބަކީ މުޖުތަމައުގެ ހާލަތު ބަދަލުކޮށް ރަނގަޅުކުރުމުގައި އެ ވުޒާރާއާއި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން އުފެދެމުން ދިއުމެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގައި ދައުލަތުގެ ކުންފުނިތަކާއި ކައުންސިލުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވުނު ރަނގަޅު މަސައްކަތްތަކެވެ. 

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު ބަދަލުކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން އިރާދަފުޅުކުރެއްވިއްޔާ އެބަ އާދޭ،" ވަޒީރު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި ވިސްނުން ހޯއްދަވަމުންގެންދަވާ ގެންދެވުމަށް އިޝާރާތްކުރައްވައި އާއިޝަތު ޝިހާމު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ފާހަގަކުރެއްވޭ މައްސަލަތައް ހައްލުކޮށް ކަންކަން ބަދަލުކުރުމަށް އަންގަވަމުންދާ ކަމަށެވެ. 

އަދި މުޖުތަމައުގެ ތެރޭގައި ކޮންމެ ރައްޔިތެއްގެ އަޑަކީވެސް ވަށައިގެން ތިބޭ އެންމެންވެސް އަޑުއަންޖެހޭ އަޑެެއްގެ ގޮތުގައި މިހާރު ބަދަލުވަމުންދާ ކަމަށާއި، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއިން ރަނގަޅުކުރަންޖެހޭ ކަމެއް ފާހަގަކުރެއްވިއްޖެނަމަ އެކަން ރަނގަޅުކުރުމަށްވެސް ފުރުސަތު ފަހިވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު