ENGLISH

23 ޑިސެމްބަރު 2025

Advertisement

މާލެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭ ގިނަ ޝަކުވާތަކެއްް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

23 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބިން ހިއްކުމުގެ މަޝްރޫއެއްގެ މަސައްކަތްތަކުގެ ތެރެއިން، ފޮޓޯ: ޖަޒީރާ

މާލެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ތިމާވެއްޓަށް ނުބަލައި ހިންގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ، ހުއްދައާ ހިލާފަށް މަސައްކަތްކުރާނަމަ އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީން ދީފިއެވެ. 

ރޭ އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ފަޅު ހިއްކުމަށް އެ އިދާރާއިން ހުއްދަ ލިބިގެން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި އުސޫލާ ހިލާފަަށް އަމަލުކުރަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން އެ އިދާރާއިން ހުއްދަ ދޫކުރާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ބިން ހިއްކުމުގެ މަސައްކަތްކުރާކަމުގެ ޝަކުވާތަކުގެ އިތުރަށް، ވެލި ނެގުމުގެ ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވަނިކޮށް މަސައްކަތް ކުރިއަށްގެންދިއުން ފަދަ ޝަކުވާތައް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެ އޮތޯރިޓީން ބުނެފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަމުންދާ ގޮތް ކައިރިން ބަލައި މޮނިޓާކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ދީފައިވާ ގޮތާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައިވެސް ބުނެފައިވެއެވެ. 

އަދި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު އެ މަޝްރޫއުތަކާ ގުޅިގެން އެ އޮތޯރިޓީން ދޫކޮށްފައިވާ އެންވަޔަރަމެންޓް އެސެސްމެންޓު ރިޕޯޓުތަކުގައި ބަޔާންކުރާ އުސޫލުތަކާއި އެހެނިހެން ހުއްދަތަކުގައި ބަޔާންކުރާ މިންގަަނޑުތަކަށް އަމަލުކުރުމަށް އެ މަޝްރޫއުތައް ހިންގާ ފަރާތްތަކަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ. 

ރިސޯޓު ތަރައްގީކުރުން ފަދަ ކަންކަމަށް މާލޭ އަތޮޅުގައި ފަޅުތައް ހިއްކުމުގެ މަސައްކަތްތައް ގިނަ އަދަދަކަށް ކުރަމުންދެއެވެ. އޭގެ އިތުރަށް ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މާލޭ ސަރަހައްދުގައި ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ރަސްމާލެއާއި ގިރާވަރުފަޅާއި ގުޅިފަޅު ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެނެވެ. 

ސަރުކާރުންވަނީ އެކި ބޭނުންތަކަށް ސަރުކާރުން ބިން ހިއްކުމަށް ހިންގަމުންދާ ހުރިހާ މަޝްރޫއުތަކެއް ހިންގަނީ އެންވަޔަރަމެންޓް އެސެސްމެންޓު ރިޕޯޓުތަކުގައި އަޅަންޖެހޭނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައި ބަޔާންކުރާ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމުގައި ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު