ENGLISH

23 ޑިސެމްބަރު 2025

Advertisement

މާފަރު ކަސްޓަމްސް އޮފީހަކީ ރަށާއި ސަރަޙައްދުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢެއް: ވަޒީރު

23 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މާފަރު ކަސްޓަމްސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޢަލީ އިޙްސާން ބައިވެރިވެޑައިގަތުން. ފޮޓޯ: ޕީއެސްއެމް

ނ. މާފަރުގައި ރޭ ހުޅުވި ކަސްޓަމްސްގެ އާ އޮފީހަކީ، އެރަށުގެ ތަރައްޤީއާއި ކުރިއެރުމުގެ އިތުރުން މުޅި ސަރަޙައްދުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މާފަރުގައި ރޭ ކަސްޓަމްސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ކަސްޓަމްސްގެ ޚިދުމަތްތައް ރައްޔިތުންނާއި ގާތަށް ގެނެސް ރައްޔިތުން އެދޭފަދަ ގޮތަކަށް ކައިރިން ޚިދުމަތް ދިނުން ކަމަށެވެ. 

އަލަށް ހުޅުވި ކަސްޓަމްސް އޮފީހާއެކު، ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެކްސްޕޯޓާއި އިމްޕޯޓަށް ބޭނުންވާ ޑިކްލަރޭޝަންތައް ފުރުމާއި ކުރިން މާލެއިން ކުރަމުން އައި ބައެއް މަސައްކަތްތައް ވެސް ކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަދު މިރަށުގައި ހުޅުވިގެންދާ ކަސްޓަމްސްގެ އޮފީހަކީ މި ސަރަޙައްދުގެ ތަރައްްޤީއާ ވަރަށް ބޮޑަށް ގުޅިފައި ހުރި އޮފީހެއް. ވަކިން ޚާއްޞަކޮށް މިރަށުގެ ތަރައްޤީއާ ކުރިއެރުމަށް ވަރަށް ބޮޑަށް ގުޅިފަހުރި އޮފީހެއް. މި ސަރަޙައްދުގެ ތަރައްޤީގެ ނާރެސްކަމުގައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް ރައްޔިތުންނަށް ފުޅާވެގެން އަންނައިރުގައި ދިވެހިރާއްޖޭގެ އެހެން މައިދޮރޯއްޓެކޭ އެއްފަދައިން އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް" - ވަޒީރު ޢަލީ އިޙްސާން

ރާއްޖޭގައި ވިޔަފާރިތައް ކުރަމުންދާއިރުގައި އެ ވިޔަފާރިތަކުން ވިއްކަމުންދާ މުދާތަކަކީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ވިއްކާ މުދާތޯ ކަށަވަރުކުރުމުގެ މަސައްކަތް ވެސް މާފަރު ކަސްޓަމްސް އޮފީހުގެ މުވައްޒަފުން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، މާފަރު ކަސްޓަމްސް އޮފީހުން އެތެރެވާ މުދަލާ ފަސިންޖަރުންނަކީ ދިވެހިރާއްޖެއަށް ބިރެއްކަމުގައި ނުވާނެ ގޮތަށް، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ބެލެހެއްޓުމަކީ އެންމެ ބޮޑު ޒިންމާކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އެމަސައްކަތުގެ ބިންގާ އަޅައި ނިމިފައިވަނީ ގާތްގަނޑަކަށް 30 އިންސައްތައެވެ. މާފަރު ކަސްޓަމްސް އޮފީހުގެ މަޝްރޫޢަކީ އެންމެ މުހިއްމު އިސްކަމެއްދީގެން ނިންމަންޖެހޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނުއްވި މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުން ދައްކުވައިދެނީ ކަސްޓަމްސްއާއި މާފަރު ހިމެނޭ ސަރަޙައްދުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަޒީރު ޢަލީ އިޙްސާން ޝުކުރުއަދާކުރެއްވިއެވެ. 

ކަސްޓަމްސް އަކީ ދިގު ތާރީޚެއް އޮތް ޚިދުމަތަކަށް ވެފައި، މި ދިގު ތާރިޚުގައި ރައްޔިތުންނަށް އަގު ނުކުރެވޭފަދަ ބުރަ އުނދަގޫ އަދި ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމްސްގެ މުވައްޒަފުން ފޯރުކޮށްދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ކަސްޓަމްސް އިން މިހާރު ވެސް ދަނީ އެއާޕޯޓުތަކާއި ޕޯޓުތައް ހިމެނޭހެން ވަރަށް ރަނގަޅަށް ބަލަހައްޓަމުންކަން ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު