ENGLISH

23 ޑިސެމްބަރު 2025

Advertisement

މާފަރުގައި ކަސްޓަމްސް އޮފީހެއް ހުޅުވައިފި، ޚިދުމަތަށް ބޮޑު ކުރިއެރުމެއް

23 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުން. ފޮޓޯ: ޕީއެސްއެމް

އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކޮށްފައިވާ ނ. މާފަރު އެއާޕޯޓުގައި ކަސްޓަމްސްގެ އޮފީހެއް ރޭ ހުޅުވައިފިއެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އޮފީސް ހުޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. މާފަރުގައި އޮތް ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި، މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސްނީ މުބާރިކް އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ. 

މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތް އަޅަން 2023 ވަނަ ޙަވާލުކުރީ ފިއުޗަރ ހޯމް ޕްރައިވެޓް ލިމިޓެޑާއެވެ. އެއާޕޯޓުގައި ހުޅުވީ 6557 އަކަފޫޓުގެ އިމާރާތެކެވެ. މަޝްރޫޢުގެ އަގަކީ 8.66 މިލިއަން ރުފިޔާއެވެ. މާފަރު ކަސްޓަމްސް އޮފީހުގައި 20 އޮފިސަރުންގެ ޖާގައާއި 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއެއް ވަނީ ޤާއިމުކޮށްފައެވެ. 

މާފަރުގައި ހުޅުވި ކަސްޓަމްސް އޮފީހުން، އެ އެއާޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކާއި، އެ ފަސިންޖަރުންނާއި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިދާރީ ކަންކަމާއި އިތުރު ކަންކަން ބަލަހައްޓާނެއެވެ.

ކަސްޓަމްސް އޮފީހުން ބުނީ މާފަރުގައި ހުޅުވި އާ އިމާރާތާއެކު، އެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ދެއަހަރުތެރޭ ވަނީ ގިނަ ކުރިއެރުންތަކެއް ގެނެސްފައެވެ. އެގޮތުން، މާފަރު އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަޝްރޫޢު ނިންމައި، މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރި އޭޕްރަންގެ މަސައްކަތް ނިންމައި ޑިސެމްބަރު 20 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. އަދި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޓާމިނަލް އިމާރާތް އެޅުމުގެ މަޝްރޫޢުގެ ބިންގާ ވެސް އެދުވަހު ވަނީ އަޅައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު