ENGLISH

23 ޑިސެމްބަރު 2025

Advertisement

ގަރާޖު ހުއްްދަ ނެގުމުގައި ރައްޔިތުންނަށް އޮތް ދަތިކަމަށް ލުއިތަކެއް

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މާލޭގެ މަގެއްގެ މަތި -- ފައިލް ފޮޓޯ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހެޔޮ ބަދަލުތަކެއް ގެނަން ނިންމައިފި އެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރެވޭނެ އެވެ.

އަދި އަދި ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެއްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުުރުން އަންނަ އަހަރުގެ  ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެ އެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ހަމައެކަނި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި އަދި ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެއްކަމުގެ ލިޔުމެވެ.

ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބުމަކީ ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު