ENGLISH

11 އޭޕްރީލު 2025

Advertisement

ޓިމްބަވުލްވްސް އަތުން ލޭކާސް ބަލިވެއްޖެ

03 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލޭކާސްއާ ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އެމެރިކާގެ އެންބީއޭގައި ކުޅުނު މެޗުގައި މިނެސޯޓާ ޓިމްބަވުލްވްސް އަތުން 109-80 ގެ ނަތީޖާއަކުން ލޮސް އެންޖެލަސް ލޭކާސް ބަލިވެއްޖެއެވެ.

ވުލްވްސްގެ ޓާގެޓް ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ ފެށުނިއްސުރެ އެ ޓީމުން ނެގި ލީޑް ވަނީ އެންމެ ފަހު ކުއާޓާ ނިމުމާ ހަމައަށް ދަމަހައްޓައިފައެވެ. ވުލްވްސް އިން ފުރަތަމަ ކުއާޓާ ނިންމާލީ 22-20 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ކުއާޓާގައި ވުލްވްސް އިން ނެގި 10 ޕޮއިންޓްގެ ލީޑާއެކު، ނިންމާލީ 34-24 އިންނެވެ. އެއަށްފަހު، ފުރަތަމަ ހާފުގެ ނަތީޖާ އަކީ 56-44 އެވެ. ދެން ކުޅުނު ތިންވަނަ ކުއާޓާ 23-20 އިން ވުލްވްސް ގެންދިޔައިރު، އެންމެ ފަހު ކުއާޓާގައި ތަފާތު ބޮޑުކޮށް، އެ ޓީމުން ވަނީ 30-16 އިން ކުރި ހޯދާފައެވެ.

މި މެޗުގައި ވުލްވްސް އަށް އެންމެ ރަނގަޅަށް ކުޅެދިން ޖޫލިއަން ރޭންޑަލް 18 ޕޮއިންޓް އެއްކުރިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރުޑީ ގޯބެއާ ވަނީ 17 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައިފައެވެ.

ލޭކާސްގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ލެބްރޮން ޖޭމްސް އާއި އެންތަނީ ޑޭވިސްއަށް މޮޅު ކުޅުމެއް ނުދެއްކުނެވެ. މީގެތެރެއިން، ލެބްރޮން އަށް އެއްކުރެވުނީ 10 ޕޮއިންޓެވެ. ޑޭވިސް ވަނީ 12 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ޕޮއިންޓާއެކު ފަސް އެސިސްޓް ހެދި ޑެއަންޖެލޯ ރަސެލް އެވެ.

މި މުބާރާތުގައި ލޭކާސް އަށް ދެން އޮތީ މިއާމީ ހީޓްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ވުލްވްސް ދެން ކުޅޭ މެޗުގައި ނުކުންނާނީ ލޮސް އެންޖެލަސް ކްލިޕާރސްއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު