ENGLISH
22 ޑިސެމްބަރު 2025
ވާނުވާ ބަންދުގައި އަހަރު ދުވަސްވީ އެންމެންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިމޭނެ: ރައީސް
22 ޑިސެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ވާނުވާ ބަންދުގައި އަހަރު ދުވަސްވީ އެންމެންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެނައުމީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަަމަށެވެ. އެގޮތުން އެންމެ ފަހުން އެމަނިކުފާނަށް ބަންޑާރަ ނާއިބުގެ އޮފީހުން ދެއްވި މައުލޫމާތުން ކުރިއަށް އޮތް މާޗް މަސް ނިމެންވާއިރަށް ވާނުވާ ބަންދުގައި އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލައަށް ނިމުން އަންނާނެ ކަމަށެވެ.
އަދި އޭގެ ފަހުން ދެން ހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
"މި އަންނަ މާޗް މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަަތައް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީން އޮތް ބައްދަލްވުންތަކުގައި ވެސް ވަރަށް ތަފްސީލުކޮށް ވާނުވާ ބަންދުގެ މައްސަލަ އޮތް ގޮތް ސާފުކޮށް ދެއްވާފައިވާނެ ކަމަށެވެ. ރައީސް މިރޭ ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލަތަކުގައި ބަންޑާރަ ނާއިބުގެ އޮފީހުން ކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅަކަށް ކޮށްދެމުން ގެންދާނެ ކަަމަށެވެ.