ENGLISH
21 ޑިސެމްބަރު 2025
ދިހައަކުން ދަށުގެ ކުދީންނަށް ސުކޫލްތަކަށް ދެން ފޯނު ނުވެއްދޭނެ، ވަރަށް ރަނގަޅަށް އެކަން ތަންފީޒުކުރާނެ: ރައީސް
21 ޑިސެމްބަރު 2025
|
ހުޅުމާލެ ސޮލާހުއްދީން ސުކޫލް --
ގުރޭޑް 10 އަކުން ދަށުގެ ކުދީންނަށް ސުކޫލްތަކަށް ދެން ފޯނު ނުވެއްދޭނެ ކަމަށާ އެކަން ވަރަށް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމުން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ސުކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ޚާއްސަކޮށް ދަށު ގުރޭޑްތަކުގެ ދަރިވަރުން އެގޮތަށް އަމަލު ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަންނަ ދިރާސީ އަހަރުން ފެށިގެން ގުރޭޑް 10 އަކުން ދަށުގެ އެއްވެސް ކުއްޖަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ.
ނަމަވެސް ގުރޭޑް 11 އަދި 12 ކުދީންނަށް ފޯނު ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދަރިވަރުންނަށް ފޯނު ގެންދެވުނު ނަމަވެސް ކްލާސް ގަޑީގައި ފޯން ބާއްވަން ޖެހޭނީ އެކަމަށް ޚާއްސަ ލޮކަރުގަ އެވެ.
"ކިޔަވައިދޭ ގަޑީގައި ދަރިވަރެއްގެ އަތުގައި ފޯނު އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން," ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެކަން ވަރަށް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.