ENGLISH
10 އޭޕްރީލު 2025
ފިފްޕްރޯ އެވޯޑަށް ޔޫރަޕުން ބޭރުން ނޮމިނޭޓްވީ މެސީ އާއި ރޮނާލްޑޯ
03 ޑިސެމްބަރު 2024
|
މެސީ (ކ) އާއި ރޮނާލްޑޯ. --
ފިފްޕްރޯ އިން ހޮވާ އަހަރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނޮމިނޭޓް ވެއްޖެއެވެ.
ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯ އިން ހޮވާ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންނަށް ނޮމިނޭޓްވި ޔޫރަޕުން ބޭރު ޓީމުތަކަށް ކުޅޭ ހަމައެކަނި ދެ ކުޅުންތެރިންނަކީ ވެސް މިއެވެ.
މެސީ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަ މިއާމީ އަށެވެ. މެސީއާ އެންމެ ވާދަވެރި ރޮނާލްޑޯ އަކީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ ކެޕްޓަނެވެ.
ފިފްޕްރޯގެ ގަދަ 11 އަށް ނޮމިނޭޓްވި އަނެއް 24 ކުޅުންތެރިންނަކީ ވޭތުވެދިޔަ އަހަރުގައި އިންގްލެންޑްގެ އިތުރުން ޖަރުމަނާއި ސްޕެއިން އަދި ފްރާންސްގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިންނެވެ. މީގެތެރެއިން، ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ އަކީ ފްރާންސްގެ ލީގާ ގުޅުންހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެފައެވެ.
އިޓާލިއަން ލީގުގެ އިތުރުން ދެކުނު އެމެރިކާ އާއި އެފްރިކާގެ އެއްވެސް ކްލަބަކަށް ނިސްބަތްވާ ކުޅުންތެރިއަކު މި ފަހަރުގެ ދުނިޔޭގެ ގަދަ 11 އަށް ނޮމިނޭޓް ވެފައެއް ނުވެއެވެ.
މި އެވޯޑަށް އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓްވެފައިވާ ސްޕެއިނުގެ ރެއާލް މެޑްރިޑްގެ އަށް ކުޅުންތެރިންގެ ތެރޭގައި؛ އެމްބާޕޭ، ވިނީޝިއުސް ޖޫނިއާ އާއި ޖޫޑް ބެލިންހަމް ހިމެނޭއިރު، ދެވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓްވި މެންޗެސްޓަރ ސިޓީގެ ހަތް ކުޅުންތެރިންގެ ތެރޭގައި؛ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ރޮޑްރީގެ އިތުރުން ކެވިން ޑި ބްރޭނާ އާއި އާލިން ހާލަންޑް ހިމެނެއެވެ.
މީގެއިތުރުންް، މި އަހަރުގެ ފިފްޕްރޯ އެވޯޑަށް ނޮމިނޭޓްވެފައިވާ، ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންގެ ތެރޭގައި، ސްޕެއިނާއެކު އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ބާސެލޯނާ އަށް ކުޅޭ ލަމީން ޔަމާލް ހިމެނެއެވެ.
މި އަހަރުގެ ފިފްޕްރޯ އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރާނީ މި ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ފީފާ ބެސްޓް އެވޯޑްސް ހަފްލާ ގައެވެ.