ENGLISH
19 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޗައިނާ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
03 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވޮންގ ލީޒިން ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާ އެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އަދުގެ ސަރުކާރުން، އެކަމަނާގެ ސަފީރުކަމުގައި ދެއްވަމުން ގެންދެވި އެއްބާރުލެއްވުމާއި އިރުޝާދު ފާހަގަކުރައްވައި، ސަފީރު ވޮންގ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވޮންގ ވަނީ، މި ސަރުކާރުގެ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަޙަތުތަކުގެ ތަރަހައިގެ މަތީގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ، ޗައިނާއިން އިސްނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި މި ވަދާޢީ ޒިޔާރަތް ނިންމަވާލައްވަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރާއްޖެ އާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.