ENGLISH

06 ޖުލައި 2025

Advertisement

ފަހު މެޗުގައި ރާއްޖެ އަތުން ޔޫއޭއީ އަށް ބޮޑު މޮޅެއް

05 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ރާއްޖެ ކޮޅަށް ލަނޑުޖެހުމަށްފަހު ޔޫއޭއީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްސީ

ދެހާސް ސައްބީސް ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިވެހިރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު އަތުން 5-0 ގެ ނަތީޖާއަކުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މޮޅުވެއްޖެއެވެ.

މިއީ ރާއްޖޭގެ މައްޗަށް ޔޫއޭއީ އިން ހޯދި އެންމެ ބޮޑު މޮޅެވެ. މީގެކުރީން، 2021 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗުން ޔޫއޭއީ މޮޅުވީ 5-1 އިންނެވެ.

ވިއެޓްނާމްގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނީ ދެ ގޯލެވެ. އަނެއް ތިން ލަނޑުޖެހީ ފަހު ހާފުގައެވެ.

ޔޫއޭއީ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ގޯލްޖަހައިދީ ފާތިމަތު އަފްޒްރާ ވަނީ ހެޓްރިކް ހަދައިފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ފާތިމާ ޖަސެމް އާއި މައިތާ އަލްހަމްޒީ އެވެ.

ގްރޫޕް އީގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ގުއާމް އަތުން ވިއެޓްނާމް މޮޅުވީ 4-0 އިންނެވެ.

މި ނަތީޖާއާއެކު، މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ވިމެންސް އޭޝިއަން ކަޕްގެ ޖާގަ ކަށަވަރުކުރީ ވިއެޓްނާމް އެވެ. އެ ޓީމު ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ދެވަނައިގައި އުޅޭ ޔޫއޭއީ އާއި ތިންވަނައިގައި އޮތް ގުއާމް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު