ENGLISH

06 ޖުލައި 2025

Advertisement

ނުވަ މީހުންނާއެކު ކުޅުނު ޕީއެސްޖީން ބަޔާން ބަލިކޮށް ސެމީ އަށް

05 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީ އަށް ލަނޑުޖަހައިދިނުމަށްފަހު ޑުއޭ އުފާ ފާޅުކުރަނީ. ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި މިރޭ ކުޅުނު މެޗުގެ ފަހުބައިގައި ނުވަ މީހުންނާއެކު ކުޅެ، ޕީއެސްޖީން 2-0 އިން ބަޔާން މިއުނިކް ބަލިކޮށް، އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެޓްލާންޓާގެ މާސެޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޕީއެސްޖީން ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ބަޔާންގެ ޖަރުމަން މިޑްފީލްޑަރު، ޖަމާލް މުސިއާލާ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، މި ހާފުގައި ބަޔާންގެ ޑިފެންޑަރު، ޑަޔޮޓް އުޕަމެކާނޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް އޮފްސައިޑް ކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ.

ބަޔާންގެ މިޑްފީލްޑަރު، މުސިއާލާ އަށް އަނިޔާވެގެން ދަނޑުން ބާލަނީ. ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފުގެ ކުރީކޮޅު، ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ ފޮނުވާލި ބޯޅައެއް ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ ހުއްޓުވައިފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން ކޮޅަށް ދެ ލަނޑު ޖެހި ފްރާންސްގެ ޒުވާން ވިންގް، ޑެޒައިރީ ޑުއޭ އެވެ. އޭނާ މި ލަނޑު ޖަހައިދިނީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅައަކުންނެވެ.

ޕީއެސްޖީން ލީޑު ނެގިތާ ހަތަރު މިނެޓުގެ ތެރޭގައި އެ ޓީމުގެ ޑިފެންޑަރު، ވިލިއަން ޕަޗޯ އަށް ސީދާ ރަތް ކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލައިފައެވެ. އެއީ، ބަޔާންގެ މިޑްފީލްޑަރު، ލެއޮން ގޮރެޓްޒްކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ޕީއެސްޖީގެ ޑިފެންޑަރު، ޕަޗޯ އަށް ރަތް ކާޑު ދައްކަނީ. ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ރަފައެލް ގުރޭރޯ އަށް އުޅަނބޮށިން ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީގެ ޑިފެންޑަރު، ލޫކަސް ހެނާންޑޭޒަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ނުވަ ކުޅުންތެރިންނާއެކު ކުޅެމުންދަނިކޮށް، ފްރާންސްގެ ފޯވާޑް، އޮސްމާނޭ ޑެމްބެލޭ ވަނީ އިތުރު ލަނޑެއްޖަހައި، ޕީއެސްޖީ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.

އަދި، އޭގެފަހުން، ބަޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ގޯލެއް ޖެހި ނަމަވެސް އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ. އަދި ބަޔާން އަށް ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ ފަހުން އެ ނިންމުން ބަދަލުކޮށްފައެވެ.

މި މެޗުން ހޯދި މޮޅާއެކު ޕީއެސްޖީން ސެމީގައި ނުކުންނަން ޖެހެނީ މިރޭ ކުޅޭ ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު