ENGLISH
06 ޖުލައި 2025
ސަރަހައްދީ މުބާރާތުގައި ވާދަކުރި ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް!
05 ޖުލައި 2025
|
ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމަށް މަރުހަބާ ދެންނެވުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޖޫން މަހުގެ 27 އިން ޖުލައި 4 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދިޔަ މުބާރާތުގެ ޕްލޭޓް ޑިވިޝަންގައި ވާދަކޮށް، ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ވަނީ ދެވަނަ މަގާމް ހާސިލްކޮށްފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މި ޓީމަށް މަރުހަބާ ދެންނެވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.
މި ޓީމަށް މަރުހަބާ ދެންނެވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމަށް މަރުހަބާ ދެންނެވުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޓީމާ ބައްދަލުކުރައްވާ ކުޅިވަރު ވަޒީރު، ރާފިޢު ވަނީ، ޓީމު ހޯދި ކާމިޔާބީ އަށް މަރުހަބާ ދަންނަވައި، ހިތްވަރުދެއްވާފައެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭން އޭޝިއާ ބައްރުގެ ނެޓްބޯޅައިގެ ޔޫތު މުބާރާތެއްގައި ވާދަކުރިއިރު، މި މުބާރާތުގައި ވާދަކޮށް ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ބައިވެރިވިއެވެ.
އެގޮތުން، ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ވަނީ މި މުބާރާތުގެ ޕްލޭޓް ޑިވިޝަނުގައި ވާދަކޮށް، ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފައެވެ. މިއާއެކު، އެ ޓީމަށް ވަނީ މި ސަރަހައްދުގެ ޔޫތު ނެޓްބޯޅައިގެ ރޭންކިންގެ ހަތްވަނަ މަގާމު ލިބިފައެވެ. ކުރީން ރާއްޖެ އޮތީ މި ސަރަހައްދުގެ 11 ވަނައިގައެވެ.