ENGLISH

19 އޭޕްރީލު 2025

Advertisement

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ކެރިވަޑައިގަތް ހަމައެކަނި ވެރިއަކީ ރައީސް މުޢިއްޒު: މެމްބަރު މަމްދޫހު

03 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި މެމްބަރު މަމްދޫހު (ކ) ވާހަކަދައްކަވަނީ

ވެރިކަމަށް އެއް އަހަރު ފުރިގެން ދިޔަ އިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެގެން ދަނީ ދިވެހި ރާއްޖޭގެ ތާރީޚުގަ ވެސް ވެރިންނަށް ދިވެހިންގެ ހައްގުގައި ކުރަން ނުކެރުނު އެތައް ކަމެއް ކުރެއްވި ވެރިއެއްގެ ގޮތުގައި ކަމަށް، ފުނަދޫ ދާއިރާގެ މެމްބަރު، މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ބިދޭސީންގެ މައްސަލައިގައި ވެސް، ނިމިދިޔަ ސަރުކާރުން މިކަމަށް ހައްލު ހޯދުމުގެ ނަމުގައި ގަލޮޅު ދަނޑަށް ބިދޭސީން އެއްކޮށްގެން ބޮޑު ޕީއާރު ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. 

"ނިމިގެން ދިޔައިރު އޭރުގެ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ތިބި ބައެއް ބޭފުޅުން ކޮންމެ ބިދޭސީއެއްގެ އަތުން ކޮންމެވެސް ވަރެއްގެ ކަޓެއް ނަންގަވައިގެން މައްސަލަ ނިންމާލިތަން އަޅުގަނޑުމެންނަށް ފެނުނީ" މެމްބަރު ވިދާޅުވި އެވެ. 

މި ސަރުކާރުން ދަނީ ބިދޭސީންގެ މައްސަލައަށް ވެސް ހައްލު ހޯއްދަވަމުންކަން ފާހަގަ ކުރައްވައި މެމްބަރު މަމްދޫހު ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅުނު 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. 

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އެއްވެސް ވެރިއަކަށް ނުކެރުނު ކަމަށާއި ފައިސާވެރިންނާއި އެކިއެކި ގޮތްގޮތުން ނުފޫޒުގަދަ ބޭފުޅުން ކުރިމަތީގައި އޭރުގެ ވެރިން ކުޑަކަކޫ ޖަހާފައިވާ ކަމަށެވެ. އެއާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުރަތަމަ ދުވަހުން ފެށިގެން ވެސް މިކަމަށް ހައްލެއް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ގަނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ވަނީ ގެނެވިފައިކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް މި މައްސަލަ ކުރިމަތިވީ އިއްޔެ މިއަދަކު ނޫން. އަޅުގަނޑުމެންނާ މި މައްސަލަ ކުރިމަތިވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. އަދި ތަކެތީގެ އަގު ދަށް ނުވެގެންއުޅޭ މައިގަނޑު އެއް ސަބަބަކީ ރުފިޔާ އެވަރަށް ޗާޕުކުރީމަ،" މެމްބަރު ވިދާޅުވި އެވެ. 

މެމްބަރު އިތުރަށް ވިދާޅުވީ ޑޮލަރުގެ އަގާއި ތަކެތީގެ އަގު ދަށްކުރެވޭނީ ވެރިން އެކަމުގެ ޒިންމާ ނަންގަވައިގެން އެކަން ކުރެއްވީމަ ކަމަށް މެމްބަރު މަމްދޫހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު