ENGLISH

19 އޭޕްރީލު 2025

Advertisement

އެންމެން ހިމެނޭ ދިވެހިރާއްޖެއެއްގެ ތަޞައްވުރު ހަޤީޤަތަކަށް ވަމުންދާކަން ދަނީ ފެންނަމުން

03 ޑިސެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގައި، ނުކުޅެދުންތެރިކަން ހުންނަ ރައްޔިތުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމުގައި ކުރެވިފައިވާ މުހިންމު ކުރިއެރުންތަކާއި ކުރިއަށް އޮތް މަގު އެނގުމަކީ މުހިންމު ކަމެކެވެ. ދުނިޔޭގެ ފެންވަރުގައި، 1 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމަކާ އެކުގައެވެ. މިއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 15 އިންސައްތައެވެ.

ދިވެހިރާއްޖޭގައި، 2020 ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކާ އެއްގޮތްވާ ގޮތުގެމަތިން، އާބާދީގެ 7.3 އިންސައްތަ މީހުން ދިރިއުޅެނީ ނުކުޅެދުންތެރިކަމާ އެކުގައެވެ. އަދި މި ނިސްބަތް އުމުރުން ދުވަސްވީ މީހުންގެ މެދުގައި މަތިވެއެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އިން މިހާރު ގާތްގަނޑަކަށް 8،000 މީހުންނަށް ނުކުޅެދުންތެރިކަމުގެ އެލަވަންސް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއެވެ.

20 އަހަރުގެ ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓަރޕްލޭނެއް އެކުލަވާލުމުގެ ބައްދަލުވުމުގައި ޙާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ހިޔާލު ހޯއްދެވުން

މިހާރުގެ ސަރުކާރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެކި ބާވަތުގެ ބޭނުންތަކަށް ޖުމްލަ ގޮތެއްގައި އަމާޒު ކޮށްގެން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މުޖުތަމަޢުގެ ތެރޭގައި ކުލުނު ވެރިކަމާއި، އޯގާތެރިކަން ނެތި މިނިވަންކަން އިހުސާސްކުރެވެން ނޯންނާނެ ކަމުގައި ފާހަގަ ކުރައްވައި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ "އިންކުލޫސިވް ސޮސައިޓީއަކަށް" ނުވަތަ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންވެސް ޝާމިލު ކޮށްގެން ކުރިއަށްދާ މުޖުތަމަޢަކަށް ހެދުން ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭ ގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭ ގޮތަށް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. 

މި ވިޝަންގެ މުހިންމު ބައެއްގެ ގޮތުގައި 20 އަހަރުގެ ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ. މި ޕްލޭންގައި އަހައްމިއްޔަތުކަން ދީފައިވަނީ ރަށުތެރޭގެ ޕްލޭނިންގ، ޞިއްޙީ ޚިދުމަތްތަކަށް ވާޞިލުވުމާއި އިޤްތިޞާދީ ބައިވެރިވުމުގައި ހުރިހާ މީހުން ހިމެނޭ ގޮތަށް މަސައްކަތް ކުރުމަށެވެ. މި ވަޢުދުވުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ޤައުމީ ތަރައްޤީގެ މުހިންމު ބައެއްކަން ކަށަވަރުކުރުމެވެ.

"16 އަހަރުގެ ޙާއްސައެހީއަށް ބޭނުންވާ ކުއްޖެއް ގޮވައިގެން މިއުޅެނީ، ވީލްޗެއަރގަ ހިނގާލަން ނިކުންނައިރު ވަރަށް ދަތި މާލެތެރޭގަ ގޮނޑީގަ އުޅެން، ހަޤީގަތުގަ ކުރީ ސަރުކާރުތަކުން ދުރާލާ ވިސްނައިގެން ހައްލުކޮށްދޭން އުޅުނުނަމަ ނިމިފަ ހުންނާނެ ކަންކަން މިއީ. ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ރައީސް މުޢިއްޒު މިކަމަށް ބަދަލު ގެނެސްދެއްވާނެ ކަމަށް، އަލަށް ހަދާ ތަންތަން އެންމެން ހިމެނޭ ގޮތަށް ފަރުމާ ކުރައްވާނެކަން ވިދާޅުވީމަ ވަރަށް އުފާވި" - ނާސިރާ ޢަލީ ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ބުންޏެވެ. 

މީގެއިތުރުންވެސް އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތަޢާރަފުކޮށްފައިވާއިރު އޭގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދާ ދިރިއުޅުން އެހެން މީހުންނެކޭ އެއްފަދައިން ބިނާކުރުމަށް ފަހިވެގެންދާ ފުރުޞަތެކެވެ.

ޙާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތުދިނުމަށް ދަސްވާރު ޕްރޮގްރާމް ތައާރަފްކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން އެ ފަރާތްތައް އުނގެނުމަށް ފަހި ފުރުޞަތު ދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. 

ޕޮލިޓެކްނިކުންް އަޑުއިވުމުން މަޙްެރޫމްވެފައިވާ ކުދިންނަށް ތައާރަފްކުރި ކިޔެވުމުގެ ފުރުސަތާއި ގުޅޭ ބައްދަލުވުން

އެންމެން އެއް މުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިކޮށް ދެއްވުމަށް ސަރުކާރުން 'ސައިން ލޭންގުއޭޖް' ކޯސްތަކެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.

ހަމައެހެންމެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ މީހަކީ ވެސް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެއް ކަމުގައި ފާހަގަ ކުރައްވާ ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލޯތްބާއި އިޚްތިރާމާއެކު ޚިދުމަތް ދިނުމާއެކު، އެތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކ. ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާއި ގާތް ގުޅުމެއް އުފެއްދުމަށް ބޭނުން ވާތީ ހުކުރު ދުވަހުގެ ހުކުރު ގަޑި ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 6:00 އާއި ހަމަޔަށް ކޮންމެ އާއިލާއަކަށް ވެސް ފަރުވާ ހޯދާ ފަރާތްތަކާ ބައްދަލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއެކު، އެތަނުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތައް އަނބުރާ އާއިލާތަކާ ހަވާލުކޮށް، މުޖުތަމަޢުގައި އުޅެވޭނެ މަގުފަހި ކުރުމަށް ފާއިތުވި 9 މަސް ދުވަހު މުހިންމު ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ގުރައިދޫ މަރުކަޒުގައި ހުޅުވި ރީއިންޓަގްރޭޝަން ވޯޑު

އެންމެ ބޮޑު ބަދަލަކީ އެތަނަކީ ދާއިމީކޮށް މީހުން ބައިތިއްބާ ތަނެއްގެ ބަދަލުގައި ވަގުތީ ހިޔާވައްސެއްގެ ގޮތުގައި ހަމަޖައްސާ، އެތަނުގައި ފަރުވާދީ އަނބުރާ މުޖުތަމަޢަށް މީހުން ނެރުމުގެ ޢަމާޒަށް ޕްރޮގްރާމްތައް ހިންގަން ފެށުމެވެ. މިހާރު އެތަން ހިންގަމުންދަނީ ފަރުވާ އާއި މުޖުތަމަޢަށް ނެރުމުގެ އަޚުލާގާ ހުނަރު ދަސްކޮށްދޭ ތަނެއްގެ ނިޒާމަށެވެ. ތަނުގެ އިންފްރާސްޓްރަކްޗާއަށް ގެނައި ބަދަލުތަކާއި ފަރުވާގެ ނިޒާމަށް ގެނައި ބަދަލުތަކާއެކު އެމަރުކަޒުން ފަރުވާ ފުރިހަމަކުރި 19 މީހުން މިހާރު ވަނީ އަނބުރާ އާއިލާއާ ގުޅުވައިދީފައެވެ.  

މީގެއިތުރުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އެއްބަސްވުމެއް އެކުލަވައި ލެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް" ވަނީ ހިމަނުއްވާފައެވެ. މި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާން ކުރައްވާފައި ވެއެވެ. މި އުޞޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިންގ ތަމްރީން ކުރިއަށް ގެންދިއުން ފަދަ ކަންކަން ހިމަނާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 2023 ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 ފަރާތެއް ދަފުތަރު ކުރެވިފައި ވެއެވެ. 

ދިރާގު ރޯޑްޝޯގައި ޙާއްސައެހީއަށް ބޭނުންވާ ކުއްޖަކު ބައިވެރިވަނީ

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަހައްމިއްޔަތުކަން ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ވަޒީފާތަކަށް މަގުފަހިކޮށްދިނުމުގެ ތެރެއިން އިޤްތިޞާދީ ބާރުވެރިކަން އިތުރު ކުރުމަށެވެ. މަދަނީ ޖަމްޢިއްޔާތަކާއެކު މަސައްކަތް ކުރަމުން ދަނީ ވަޒީފާގެ ދާއިރާގައި ހުރި ހުރަސްތައް ނައްތާލައި، ހުރިހާ މީހުން ހިމެނޭ މަސައްކަތުގެ މާޙައުލެއް އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު
03 ޑިސެމްބަރު 2024

މުއާވިޔަތު ·

ރައީސް މުޢިއްޒުއަށް މިމަސައްކަތުގައި ސާބިތުކަން ދެއްވާށި ، މަސައްކަތްޕުޅު ވަރަށް ފުރިހަމަ ، ރިޕޯޓްވެސް ވަރަށް ފުރިހަމަ.