ENGLISH

18 ޑިސެމްބަރު 2025

Advertisement

ރައީސް ޑރ. މުޢިއްޒަށް 62 އިންސައްތަ މީހުން ތާއީދުކުރާ ކަމަށް ސާވޭއަކުން ދައްކައިފި

18 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޑިސެމްބަރު 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ދުވާފަރުން މަރުޙަބާ ކިޔަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރަމުންދާ ގޮތާ މެދު، ވޯޓުލާ އާބާދީގެ 60 އިންސައްތައަށް ވުރެ ގިނަ މީހުން ހިތްހަމަޖެހޭކަމަށް "ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ" އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓާއިން ބުނިގޮތުގައި އެ ސާވޭ ކުރިއަށްގެންދިޔައީ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާވޭގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު ޒިންމާ އަދާކުރައްވާ ގޮތާމެދު، ރާއްޖޭގައި ވޯޓުލާ އުމުރުގެ ރައްޔިތުން ދެކޭގޮތް އަހައިފައެވެ.

ސާވޭގެ ނަތީޖާގައި ބުނެފައިވަނީ 62 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްތަކާމެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށެވެ. "ހިތްހަމަނުޖެހޭ ކަމަށް" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް" ބުނީ 38 އިންސައްތަ މީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރި 62 އިންސައްތަ މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ބުނެފައިވަނީ އެމަނިކުފާނުގެ މަސައްކަތްތަކާ މެދު "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށެވެ.

ބާނި ސެންޓަރުން ބުނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެގޮތަށް ގެންދިޔަ ސާވޭގައި 391 މީހަކާ ސުވާލުކޮށްފައިވާނެ ކަމަށެވެ.

ޑިސެމްބަރު 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން. އެމަނިކުފާނަށް 60 އިންސައްތަ މީހުން ތާއީދުކުރާކަމަށް ސާވޭއަކުން ވަނީ ދައްކާފައި. ފޮޓޯ: ރައީސް އޮފީސް

ސާވޭއަށް ފަހު އާއްމުކުރި ރިޕޯޓުގައި ވަނީ، ޖިންސު، އުމުރު އަދި އާބަނައިޒޭޝަންގެ ނަޒަރަކުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޕްރޫވަލް ރޭޓިން އަހައިފައެވެ.

އެ ޕޯލްގެ ނަތީޖާތަކަށް ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮންނަ ސަޕޯޓް އިތުރުކުރަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަންހެނުންގެ ނިސްބަތުން 64 އިންސައްތަ މީހުން "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ފާހަގަކޮށްފައިވެއެވެ. ފިރިހެނުންގެ 60 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ވަކިވަކި އުމުރުފުރާތަކުގެ ނަތީޖާތަކަށް ބަލާއިރު، ދޮށީ އުމުރުގެ މީހުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮތް ތާއީދު އިތުރުކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، އުމުރުން 55 އަހަރަށް ވުރެ ދޮށީ އުމުރުގެ 67 އިންސައްތަ މީހުން އެމަނިކުފާނުގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށް ވަނީ ބުނެފައެވެ.

އައްޑޫ ސިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުޙަބާ ކިޔުން. އެމަނިކުފާނުގެ ސިޔާސަތުތަކަށް ގިނަ ބަޔަކު ތާއިދުކުރޭ. ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ ނިސްބަތަށް ބަލާއިރު ފެންނަނީ ހަމަހަމަކޮށެވެ. އެގޮތުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މެދު "ހިތްހަމަޖެހޭ" ކަމަށް 50 އިންސައްތަ ޒުވާނުން ބުނެފައިވެއެވެ. އޭގެތެރެއިން 8 އިންސައްތަ ޒުވާނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްތަކާ މެދު "ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް" ބުނެފައެވެ.

ބޮޑެތި ރަށްތަކާއި ކުދި ރަށްތަކުގެ މަޢުލޫމާތު ވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ތަރައްޤީވެފައިވާ ބޮޑެތި ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 5000 އަށް ވުރެ އާބާދީ ބޮޑު ތަންތަނެވެ. އެއީ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެރަށްތަކުގެ ނަތީޖާއިން ދައްކަނީ 58 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށެވެ. 

އާބާދީ ބޮޑު ރަށްތަކަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑަށް ތާއީދު އޮތީ އާބާދީ ކުދި ރަށްތަކުގައެވެ. އެގޮތުން 5000 އިން ދަށުގެ އާބާދީތަކަށް ޚާއްޞަކުރި އެ ޕޯލްގެ 64 އިންސައްތަ މީހުން އެމަނިކުފާނަށް ވަނީ ތާއީދުކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ދެއަހަރުތެރޭ ރަސްމީ ޙައިސިއްޔަތުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސާވޭގެ ބޮޑު އިންސައްތައެއް ތާއީދުކުރާއިރު، އެމަނިކުފާނުގެ ފުރަތަމަ ދެއަހަރުގެ މަސައްކަތްތަކުގެ ތެރޭގައި އާއްމު ރައްޔިތުންގެ މަޞްލަޙަތާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ތަންފީޒުކުރައްވާފައެވެ. އެގޮތުން، މީގެކުރިން ޙައްލު ގެނެވިފައިނުވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ދުޅަހެޔޮކަމަށް ނިންމާފައިވާ ބައެއް ނިންމުންތަކުގެ ތެރޭގައި، ރާއްޖޭގައި ވޭޕް މަނާކުރުމާއި 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުން ހިމެނެއެވެ. 

އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް ބަލާއިރު، ނުޤަވައިދުން އުޅޭ ބިދޭސީން ހޯދުމާއި، ބިދޭސީން ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމާއި، ހުއްދަނެތި އުޞޫލުން ބޭރުން ހިންގާ ސްޕާތައް ބަންދުކުރުމުގެ އޮޕަރޭޝަންތައް ވަނީ ފަށައިފައެވެ. އަދި، ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކާއި، ކުށުގެ ވެށިން ރާއްޖެ ސަލާމަތްކުރުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ސަބަބުން އާއްމު ރައްޔިތުންގެ ބޮޑު ސަޕޯޓެއް އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަނީ ލިބިފައެވެ. 

ރައްޔިތުންގެ އަޑު އެހުމަށް، ރައީސްކަމުގެ ފުރަތަމަ ދެއަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ވަކިވަކި ކައުންސިލްތަކާ ބައްދަލުކުރެއްވުމާއި، މާލެ ސަރަޙައްދުގެ އަވަށްތަކަށް ޚާއްޞަކޮށްގެން ބައްދަލުވުންތައް ބޭއްވުމަކީ ވެސް އެމަނިކުފާނަށް ގިނަ ބައެއްގެ ތާއީދު ލިބޭ ކަމެކެވެ. 

ބާނި ސެންޓަރއިން ބުނީ، 2028 ގައި ރައީސްކަމަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންނާއި ބައިނަލްއަޤްވާމީ ބައެއް ޤައުމުތަކާމެދު ރައްޔިތުން ދެކޭގޮތުގެ ޕޯލްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި، އެ މަޢުލޫމާތުތައް ވެސް އާއްމުކުރާނެކަމަށް ބާނި ސެންޓަރއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު