ENGLISH
18 ޑިސެމްބަރު 2025
ރަސްމާލެ މަޝްރޫޢުގެ "އޭރިއާ އޭ" ގެ 23 ހެކްޓަރު ހިއްކާ ނިމިއްޖެ
18 ޑިސެމްބަރު 2025
|
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން "އޭރިއާ އޭ" ގެ 23 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި އެމްއޭސީއެލް އިން ބުނީ މިހާރު އެ ސައިޓުގެ "އޭރިއާ އޭ" އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރު ނިމިފައިވާ ކަމަށާއި އަދި އެ ސައިޓުގެ 17 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމެއޭސީއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން 'ކްރިސްޓަބެލް ކޮލޯން"ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރަށް ވަނީ ހަލުއިކޮށްފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މިމަޝްރޫޢުގައި ބިން ހިއްކަމުންދަނީ 12 ސަރަޙައްދަކަށް ބާހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.
މީގެ ތެރެއިން ތިން ސަރަޙައްދެއްގެ މަސައްކަތުގެ ތެރެއިން ސައިޓް-ޖޭގެ ވަނީ ހިއްކާ ނިންމަވާފަ އެވެ. މީގެ އިތުރުން ސައިޓް-އެލް ގެ 25.53 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފަ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ ތަރައްގީކުރަނީ ސައްތައިން ސައްތަ ޒީރޯ ނެޓް ކާބަން ސިޓީއެއްގެ ގޮތުގައި ސްމާޓު އިކޯ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. މިހާރު އެ މަޝްރޫއުގެ ތެރެއިން އެންމެ އަވަހަށް ހިއްކައި ނިމޭ ބިމުން 15،000 ގޯތި ދޫކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
އޭގެ އިތުރަށް އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.