ENGLISH

18 ޑިސެމްބަރު 2025

Advertisement

ޒުވާނުންގެ ވެހީގެ "އެންޖީއޯ ވޯކިން ސްޕޭސް" ޖަމިއްޔާތަކަށް ހިލޭ ބޭނުންކުރެވޭނެ: ވަޒީރު

18 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު އިބްރާހީމް ވަޙީދު ވާހަކަދައްކަވަނީ. ފޮޓޯ: ޒުވާނުންގެ ވުޒާރާ

ޒުވާނުންގެ ވެހީގައި ޤާއިމުކޮށްފައިވާ "އެންޖީއޯ ވޯކިން ސްޕޭސް" މަދަނީ ޖަމިއްޔާތަކަށް ހިލޭ ބޭނުންކުރެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރޭ ޒުވާނުންގެ ވެހީގައި ކުރިއަށްދިޔަ ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

މަދަނީ ޖަމިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ހަމަޖެއްސީ، ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި، މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގަ ނެތުމުގެ ކަންބޮޑުވުން ކަމަށެވެ. އެކަމަށް ޙައްލެއް ގެނައުމަށް ޒުވާނުންގެ ވެހީގައި މަދަނީ ޖަމިއްޔާތަކަށް ޚާއްޞަ ދެ ކޮޓަރި ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިލޭ މަސައްކަތްކުރެވޭނެ ޖާގަ ލިބުމާއެކު، ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކަށް ލިބިގެންދާނެ ޙައްލެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވޯކިން ސްޕޭސް ހިލޭ ބޭނުންކުރުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ޖަމިއްޔާތަކުގެ ކިބައިން އެދިފައެވެ.

ސިވިލް ސޮސައިޓީ އެވޯޑް ރޭ ވަނީ 7 ޖަމިއްޔާއަކުން ޙާސިލްކޮށްފައެވެ. ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ އެވޯޑުގައި ދާއިރާތައް އިތުރުކޮށް ގިނަ ޖަމިއްޔާތަކަކަށް އެވޯޑް އަރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު