ENGLISH

10 އޭޕްރީލު 2025

Advertisement

އެފްއޭ ކަޕްގައި އާސެނަލް އާއި ޔުނައިޓެޑްގެ ކުރިމަތިލުމެއް

03 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އާސެނަލް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި، އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

އިނގިރޭސި އެފްއޭކަޕްގެ އެންމެ ކާމިޔާބު މި ދެ ޓީމުގެ މެޗު ކުޅޭނީ އާސެނަލްގެ ދަނޑު ގައެވެ. މި މެޗަކީ ޕްރިމިއަރ ލީގަށް ނިސްބަތްވާ ދެ ޓީމެއް ބައްދަލުކުރާ ދެ މެޗުގެ ތެރެއިން އެއްމެޗެވެ. އަނެއް މެޗުގައި އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

މުބާރާތުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ ޓޮޓްނަމް ހޮޓްސްޕަރ އިން ނުކުންނާނީ ރަށުން ބޭރުގައި އިނގިރޭސި ފަސްވަނަ ޑިވިޝަނުގެ ޓެމްވޯތާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ޓެމްވޯތުގެ ހަތަރު ހާހެއްހާ މީހުންނަށް ކުޅިބަލަން ވަދެވޭ ލޭމްބް ގްރައުންޑް ސްޓޭޑިއަމް ގައެވެ.

އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ބަލިވި މެންޗެސްޓަރ ސިޓީން އަމިއްލަ ދަނޑުގައި ހަތަރުވަނަ ޑިވިޝަނުގެ ސެލްފޯޑް ސިޓީއާ ދެކޮޅަށް ނުކުންނައިރު، 2022 ވަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަން، ލިވަރޕޫލްގެ ދަނޑުގައި އެ ޓީމު ނުކުންނާނީ ދެވަނަ ޑިވިޝަނުގެ އެކްރިންގޓަން ސްޓެންލީއާ ދެކޮޅަށެވެ.

ދެވަނަ ޑިވިޝަނުގެ މޯކަމްބްއާ ދެކޮޅަށް ޗެލްސީގެ ދަނޑުގައި އެ ޓީމުން ނުކުންނައިރު، ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާރކްގައި އެ ޓީމު ނުކުންނާނީ ދެވަނަ ޑިވިޝަނުގެ ބްރޮމްލީއާ ދެކޮޅަށެވެ.

މީގެ ކުރީ އަހަރުތަކާ ޚިލާފަށް މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނުނެރެވިއްޖެނަމަ، އަނެއް ޓީމުގެ ދަނޑުގައި މެޗެއް ކުޅޭ ގޮތަށް އޮތް އޮތުމަށް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު އެ ދުވަހެއްގައި ކުޅޭ ހުރިހާ މެޗެއް ވެސް އިތުރު ވަގުތު ނުވަތަ ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ނަތީޖާ ނެރޭނެ އެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗުތަކުގެ ކުޅުން ފަށާނީ ޖަނަވަރީ 11، 2025 ގައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މެއި 17، 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު