ENGLISH
19 އޭޕްރީލު 2025
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވީ ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށްފައި: ޢަބްދުއްރައްޒާޤް
04 ޑިސެމްބަރު 2024
|
މާލެ ސިޓީ ގްރޫޕް އޮފްް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤް ޙަލީމް-- ފޮޓޯ/ އެމްއެމްޓީވީ
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލާތު ވަރަށް ދަށުގައި އޮއްވައި، އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރައްވާފައި ކަމަށް މާލެ ސިޓީ ގްރޫޕް އޮފްް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރައްޒާޤް ވިދާޅުވީ، ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަޑައިގަތް އިރު، ދަރުމަވަންތަ ހޮސްޕިޓަލް މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުންނާއި ފިނިކުރާ ތިން ނިޒާމުގެ ތެރެއިން ދެ ނިޒާމު ހަލާކުވެފައި ހުރުމުގެ ސަބަބުން، 25 ބުރީގެ ހޮސްޕިޓަލު ހުރީ އެއްގޮތަކަށް ވެސް ނުހިންގޭ ހިސާބުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޙާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ފިނިކުރާ ދެ ނިޒާމު މަސައްކަތް ނުކުރާނަމަ، އެ ހޮސްޕިޓަލުން ޚިދުމަތެއް ނުދެވޭނެއެވެ.
"އަޅުގަނޑު ހަވާލުވިއިރު، ދަރުމަވަންތަ ހޮސްޕިޓަލު ހުރީ ހުއްޓޭ ހިސާބުގައި. އެ ބިރުވެރިކަމުގައި އަޅުގަނޑުމެން ތިބީ. އެހެންވީމަ މި ފެށީ ދަރުމަވަންތަ ހޮސްޕިޓަލް ފުލީ ފަންކްޝަނަލް ހޮސްޕިޓަލެއްްގެ ގޮތުގައި. އޭގެ ހަޤީޤީ މާނާގައި، ދަރުމަވަންތަ ހޮސްޕިޓަލް ހެދިފައި ހުރިއިރު، ޓާޝަރީ ލެވަލްގައި ޚިދުމަތް ދޭކަށް އެ ބޭނުންވާ ޚިދުމަތްތައް ފުރިހަމަވެފައެއް ނެތް،" ޢަބްދުއްރައްޒާޤް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަޑައިގަތް އިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ފަންގިފިލާ އެއްގެ އެކަށީގެންވާ ބޭނުން ހިފަމުން ގޮސްފައި ނުވާ ކަމަށެވެ.
އެ ހޮސްޕިޓަލަކީ ދަޢުލަތުން ކޮށްފައިވާ ބޮޑު އިންވެސްޓުމަންޓަކަށް ވުމުން، އެ ތަނުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި، އެ ހޮސްޕިޓަލަކީ ވެސް ވަކި ޓަރޝަރީ ހޮސްޕިޓަލެެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ނިންމެވުމުގެ ދަށުން، އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުރި ކެތު ލެބަކީ ފަންކްޝަން ކުރާ ތަނަކަށް ހަދައި، އެމަރޖެންސީ ޚިދުމަތާއި ލޭބާ ސޫޓްސް އާއި އެންއައިސީޔޫއެއް ވެސް މިހާރު ތަރައްޤީ ކޮށްފައިވާ ކަމަށް ޢަބްދުއްރައްޒާޤް ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކޮށްލާ ދެ ކަމެއް އެބައޮތް. އެއްކަމަކީ ދަރުމަވަންތަ ހޮސްޕިޓަލް ހަޤީޤީ މާނާގައި ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމާއި، ހުޅުމާލެ ހޮސްޕިޓަލަކީ ވެސް މި ހުރިހާ ދުވަހު ގްރޭޑް 2 ގެ ލެވަލްގައި ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔަ ހޮސްޕިޓަލެއް. އެ ހޮސްޕިޓަލު ވެސް ޓަރޝަރީ ލެވަލްގެ ޚިދުމަތް ދެވޭ، ޚިދުމަތްތައް ވަރަށް ފުރިހަމަކޮށް ޓަރޝަރީ ލެވަލްގައި ހުޅުވިގެން ދިޔަ ދިއުން،" އޭނާ ވިދާޅުވިއެވެ.
"އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް އައިސީޔޫ އަކާއި އެންއައިސީޔޫ އަކާއި ސީއެސްއެސްޑީ އަކާއި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް މި ވަނީ ޤާއިމުކޮށް މި އަހަރުގެ ތެރޭގައި ޓަރޝަރީ ލެވަލްއަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތް ދޭން ފެށިފައި."
އަބްދުއްރައްޒާޤް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން އާސަންދަ އިން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު ހުޅުވާލުމުން، މިހާތަނަށް 1،487 މީހަކަށް މެޑިކަލް ޗެކަޕް ހަދައިދެވިފައިވާ ކަމަށެވެ.