ENGLISH
19 އޭޕްރީލު 2025
ދަހި މަސް އައިނެއް ތިލަވާކަށް މާގިނަ ދުވަހެއް ދެން ނެތް
02 ޑިސެމްބަރު 2024
|
މަސްދޯންޏެއްގައި މަސްވެރިން ދޮށި އަޅަނީ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ކެޔޮޅުން ދޫކޮށް، ޒުވާން މަސްވެރިން ވަގުތީ ވަޒީފާތަކަށް ދިއުމުން، މަސްއޮޑި ފަހަރު ވިއްކާލަން ޖެހޭ ހާލަތަށް ދިޔައީ، މިދިޔަ ސަރުކާރުގެ އިހުމާލުންނޭ ބުނުން މުޅިން ދޮގަކަށް ނުވާނެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ފެނިގެން ދިޔައީ ސިޔާސީ ފައިދާ އަށް ދިވެހިންގެ ލޭނާރު ގުރުބާން ކުރެވުނު ތަނެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރާމްގެ ޕްރެޒެންޓަރ މަސްވެރިކަމާ ބޭގޮތުން ކުރި ފުރަތަމަ ސުވާލަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަރަށް ތަފްސީލު ދިގު ޖަވާބެއް ފަރިތަމާ އެކު ދެއްވި އެވެ. ތޭރަ މިނިޓުގެ އެ ޖަވާބުން، ކަޅުބިލަމަގެ މަސްވެރިންގެ ހުރި ނުތަނަވަސްކަން، މިނިސްޓަރ އަޑު އައްސަވާފައިވާ މިންވަރު ސާފުވި އެވެ.
"މަސްވެރިން ވެސް އެބަ ދައްކާ ތިމަންނަމެން ތަރައްގީވެގެން ދިޔަ ވަރަށް ކީއްވެގެން ތޯއޭ، އަޅުގަނޑުމެން އަތުން މަސް ގަންނަން ތިބި ފެސިލިޓީސް، ނުނީ މަސް ގަންނަން ތިބި ފަރާތްތައް ތަރައްގީ ނުވީ. މިފްކޯ އަށް މި އަމާޒުކުރެވެނީ، ނޫނީ ސަރުކާރަށް އެ އަމާޒު ކުރެވެނީ އެއީ ވަރަށް ރަނގަޅު ވާހަކަ އެއް،" ޝިޔާމް ވިދާޅުވި އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި މަސްވެރިކަމާ ބެހޭ މިނިސްޓަރ ފާހަގަ ކުރެއްވީ އެ މަނިކުފާނު ވަޒީރުކަމާއި ހަވާލުވެޑައިގަތްއިރު، އެ ސިނާއަތު އޮތް ހާލަތެވެ. ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް، ވަގުތީ ވަޒީފާތަކަށް ޒުވާން މަސްވެރިން ދިއުމުން، މަސްވެރި އޮޑިތައް ހުއްޓުމަަކަށް އައި ކަމެވެ.
"ސިނާއަތެއް ހަލާކުވިއިރު ވެސް ރަނގަޅަށް ބަލައި ނުލައި، ވަޒީފާތައް އެ ފަރާތްތަކަށް ސިޔާސީ ގޮތުން ދިނީމަ މި ވީގޮތަކީ، މަސްވެރި ދޯނިތައް ހުއްޓުމަކަށް އައީ،" މިނިސްޓަރު ހިތްހަމަ ނުޖެހުން ފާޅުކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން 17ރ. ގެ ރޭޓުން މަސް ގަންނަމުން ދަނިކޮޅު އިންތިޚާބުގެ އެންމެ ފަހު ވަގުތު ސަރުކާރުން މަސް ގަންނަ އަގު ކިލޯއެއް 25ރ. އަށް ބޮޑުކުރީ އެއްވެސް އަސާސެއްގެ މައްޗަށް ބެލުމެއް ނެތި ކަމަށެވެ. އޭގެ ސަބަބުން، ރައްޔިތުންގެ ޓެކްސް ފައިސާ އިން މިފްކޯ އަށް އިތުރަށް ފައިސާ ދޭންޖެހި، މަސް ގަންނަ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި އަށް، ގޮންޖެހުންތައް ކުރިމަތިވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިއަދާ ހިސާބަށް ދިޔައިރު ވެސް ސަބްސީޑީ އަށް ބަރޯސާ ވެގެން މިފްކޯ މި ހިންގަނީ، އެއީ ސިޔާސީ ބޭނުމަށް އެ ކުންފުނި ވެސް ބެނުން ކުރެވޭތީއާ އެކީގައި... މަހުގެ އަގު މި އޮންނަނީ ހަގީގަތުގައި ސިޔާސީ ގޮތުން ކަނޑަޅާ ކަނޑައެޅުމަކަށް ވެފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން، އަށް ބިލިއަން ރުފިޔާ ޗާޕުކުރި ނަމަވެސް ދައުރު ނިމުނުއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ އޮތް ކަމަށެވެ. ދައުލަތުގެ ދަރަނި، 121 ބިލިއަނަށްވުރެ ބޮޑުވެފައި ވަނިކޮށް ވެސް، މަސްވެރިނަށް ނުލިބި ހުރި ފައިސާ ހަމަޖައްސައިދެއްވީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް ޓަކައި، ރޯ މަހުގެ ގޮތުގައި މަސް ބޭރުކުރުމުގެ ބަދަލުގައި ވެލިއު އެޑް ކުރަން ނުވަތަ އަގު މަތި ކުރަން ޖެހޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. އަދި މި ވަގުތު މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން އިތުރުކުމަށްޓަކައި ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރަން ޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"އެހެންވީމަ މި ވާގޮތަކީ ބާނާ ވަރަކަށް އަޅުގަނޑުމެން މި ޖެހެނީ ބޭރުކުރަން، ބޭރުކުރަން ޖެހޭތީވެ، ރަނގަޅު އަގެއް މަހަށް ނުލިބެނީ، މަސް ރައްކާކުރެވޭނެ ސްޓޯރޭޖް ކެޕޭސިޓި ނެތީމަ މި ޖެހެނީ ބޭރުކުރަން. އެ އޮގޮތަށް ބޭރުކުރާ ކަމަށް ވަންޔާ، މަސް ގަންނަ ފަރާތުން ބޭނުން އަގެއްގައި މި ޖެހެނީ ބޭރު ކުރަން،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅު ވަނީ މަސްވެރިންގެ ޝަކުވާތަކަށް ވަގުތީ ހައްލެއްގެ ބަދަލުގައި ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާށެވެ. ފައިސާ ހޯދުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، މަސްވެރިންގެ ޝަކުތައް ހައްލުކޮށް ދެއްވުމަށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި، މަސައްކަތްތައް ފަށާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސުލް ޖުމްހުރިއްޔާ، ޕްރޮސެސިން ކެޕެސިޓީ އިތުރު ކުރުމަށް ފައްޓަވާފައި ހުރި މަސައްކަތްތައް ނިމޭއިރު، 300 މެޓްރިކްޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ރާއްޖެގައި،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޒަމާންވީ މިފްކޯ ކާރުޚާނާ އަކީ 50 ޓަނު ޕްރޮސެސް ކުރެވޭނެ ތަނަކަށް ވިއަސް މިހާރު ޕްރޮސެސް ކުރަނީ 35 ޓަނެވެ. އަދި މުޅި ރާއްޖޭގައި މިހާރު ހުރީ ޖުމްލަ 8،500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ ވަރުގެ ފިނި ކޮށާރު ކަމަށާއި ރާއްޖޭގެ އުތުރުން ދެކުނަށް ފިނި ކޮށާރުތައް ގާއިމު ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ސީދާ މި ސިނާއަތްތައް ކުރިއެރުވުމަށްޓަކައި، ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކަކަށް ވާތީއާއެކު، އެމަނިކުފާނުގެ މެނިފެސްޓޯގައި އެކަންތައްތައް ލިޔުއްވާފައި، އަމަލީ ސިފަ ގެނައުމަށްޓަކައި އެކަންކަމަށް ބޭނުންވާ ފައިސާ އެ ހޯއްދެވީ ފުރަތަމަ އަހަރު ތެރޭގައި، 2025 ވަނަ އަހަރު ވެގެންދާނީ މި ދަންނަވާ ފެސިލިޓީތަކުން އިރާދަކުރެއްވިއްޔާ ޚިދުމަތް މަސްވެރިންނަށް ލިބޭނެ އަހަރަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ޅ. ފެލިވަރުގެ އިތުރުން ފ. ނިލަންދޫ އަދި ގދ. ފިއޯރީގައި މަސް ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ 17 އައިސްޕްލާންޓުގެ ތެރެއިން ގިނަ އައިސްޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަސްވެރިންނަށް ގެނެސްދެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމު ހުރިހާ މަސްވެރިންނަށް ފަހިވެގެން ދާނޭ ގޮތަކަށް ސަރުކާރަކުން ކަންކަން ކުރުން. ރައީސުލް ޖުމްހުރިއްޔާ، ސަތޭހަ އަށް ވުރެ ގިނަ ދޯނީގައި، އެޅޭނެ ނިޒާމު އެއީ މަސްވެރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މަހަށް ބޭރުގެ އިތުރު ބާޒާރުތައް ހޯދުމަށްޓަކައި ސަރުކާރުން ވަނީ މަސްވެރިކަން މާކެޓް ކުރުމަށްޓަކައި ކުންފުންޏެއް އުފައްދައިފަ އެވެ. އަދި ސަރުކާރުން ވަނީ މަސްވެރިންނަށް ލޯނާއި އެނޫން މާލީ ފައިދާތައް ހޯދައި ދިނުމަށްޓަކައި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
"މަސްވެރިން ވެސް މިއީ އުޅޭ ބަޔެއް ކަން ނޭނގޭ ދައުލަތަކަށް، އެނގެނީ މަސްވެރި ސިނާއަތެއް އޮންނަކަން، މަސްވެރިޔާއެއް ދައުލަތަކަށް ނޭނގޭ، ރައީސުލް ޖުމްހުރިއްޔާގެ ވަރަށް މުހިންމު ވައަދުފުޅެއް އެއީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސިޔާމް ވިދާޅުވީ ކަލުބިލަ މަހުގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފާރަތްތަކަށް ވެސް، ސަރުކާރުގެ ވައުދާ އެއްގޮތަށް ކަންތައްތައް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. ފަޅުގެ ދަތިމަކާއި ހުރެ ބޭނުން ނުކުރެވުނު، ކަނޑުއޮތްގިރީގެ ބަދަލުގައި ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުޅުމާލޭގައި ފެސިލިޓީ ތަރައްގީ ކުމުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ވަގުތު ފަހަރުގައި މަސްވެރިންގެ ހުރެދާނޭ ނުތަނަވަސްކަން، އަގާއި ގުޅިގެން ހުރެދާނެ ނުތަނަވަސްކަން އެކަމަކު، އެ ނުތަނަވަސްކަން އެބަ އެނގޭ ފިލާނެކަން، މި ތަންތަން އޮޕަރޭޝަނަށް ގެނައީމާ، ނެޗުރަލީ ދިވެހި ރާއްޖެ އިން ބާނާ މަހަށް ރަނގަޅު އަގެއް ޔަގީން ބޭރުގެ ބާޒާރުތަކުން ލިބޭތަން ފެންނާނެ، އޭރުން މަސްވެރިޔާގެ ޖީބަށް ވެސް ރަނގަޅުވާނެ،"
މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިމެމުން ދިޔަވަރަކަށް، މަސްވެރިކަމުން ލިބޭ ނަފާ ބޮޑުވެ، ރާއްޖެ އަށް ވަންނަ ޑޮލަރު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.