ENGLISH

10 ޑިސެމްބަރު 2025

Advertisement

ބީއެމްއެލް އާއި ވިސާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ޤާއިމްކޮށްފި

10 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހިރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް، ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ވިސާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ޤާއިމްކޮށްފިއެވެ.

މި ޕްރޮގްރާމަކީ ބީއެމްއެލްއާއި ތައުލީމީ ވުޒާރާ ގުޅިގެން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ފެށި ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ، ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ބީއެމްއެލްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މި އެއްބަސްވުމުގެ ދަށުން ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ "ޕްރެކްޓިކަލް މަނީ ސްކިލްސް'" އަދި "ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް'" ސެޝަންތައް ރާއްޖޭގައި ހިންގާނެކަމަށް ބުނެފައިވެއެވެ.

މި ސެޝަންތަކުގައި ފައިދާހުރި ކަންތައްތަކެއް ދަސްކޮށްދޭނެކަން ފާހަގަކޮށް، ބަޖެޓްކުރުމާއި ފައިސާ ފަހަށް ރައްކާކުރުމުގެ މުހިންމުކަމާއި، ދަރަނި ހެޔޮގޮތުގައި މެނޭޖްކުރާނެ ގޮތްތައް ކިޔައިދޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މީގެއިތުރުން ފައިސާ ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ ގެންގުޅޭނެ ގޮތުގެ އިރުޝާދުތައް ހިއްސާކުރެވިގެންދާނެއެވެ. އަދި ކޭޝް ފްލޯ ބަލަހައްޓާނެގޮތާ، އަގު ކަނޑައެޅުމާއި ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތަކުގެ މައުލޫމާތު ވެސް ފޯރުކޮށްދެވޭނެއެވެ.

"މި މުހިންމު މަސައްކަތަށް ވިސާއާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރިވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގަލެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ދިގު މުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް" - ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު


މި ޕްރޮގްރާމް އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

ކިޔުންތެރިންގެ ހިޔާލު