ENGLISH
10 ޑިސެމްބަރު 2025
ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި 10،800 ވޭޕް ކާޓްރިޖް އަތުލައިފި
10 ޑިސެމްބަރު 2025
|
ކަސްޓަމްސްއިން އަތުލައިގަނެފައިވާ ވޭޕާއި ވޭޕްކުރާ ސާމާނު
ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި 10،800 ވޭޕް ކާޓްރިޖް އަތުލައިފި އެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މިމަހުގެ 4 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މިއޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި، މިގޮތުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާ ކަމަށް ކަސްޓަމްސް އިން މީޑިއާތަކަށް ހިއްސާ ކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ.
އަދި މި ވޭޕްގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މިއީ، ވޭޕްއާއި އިލެކްޓްރޯނިކް ސިގިރެޓް ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރެވުނު ތާރީހުގެ ފަހުން ރާއްޖެއަަށް މިހާތަނަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ އެންމެ ބޮޑު ޝިޕްމެންޓް ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
މި މައްސަލަ ކަސްޓަމްސް މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަސްޓަމްސް އިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރި ފަހުން 66،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން ވަނީ ހިފަހައްޓާފަ އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.