ENGLISH

10 ޑިސެމްބަރު 2025

Advertisement

ރާއްޖެ އޮތީ ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ޤައުމެއްގެ ގޮތުގައި: ރައީސް

09 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ދިވެހިރާއްޖެ ސާބިތުވެއޮތީ، ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ޤައުމެއްގެ ގޮތުގައި ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެެއްވައިފި އެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ފޮނުއްވި މެސެޖުގައި، 2007 ވަނަ އަހަރު އ.ދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރެއް ވިއެވެ. އަދި މި މުޢާހަދާގެ އުޞޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މުއާހަދާގެ އުސޫލުތައް، ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވި އެވެ. އަދި، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާއި، "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް ހިމެނޭކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ޒިންމާދާރުކަމާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫ.އެން.ސީ.އޭ.ސީ.ގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ޤައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރާ ޤައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށްދެއްވަމުންނެވެ.

2003 ވަނަ އަހަރު އ.ދގެ އާންމު މަޖިލީހުން ޔޫއެންސީއޭސީ ބަލައިގަތުމާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައެވެ.  

ކިޔުންތެރިންގެ ހިޔާލު