ENGLISH
04 ފެބްރުއަރީ 2026
ހިންގުން ރަނގަޅުކުރަން މުހިއްމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: މިނިސްޓަރ އާދަމް ޝަރީފް
09 ޑިސެމްބަރު 2025
|
އެންމެ މަޤްބޫލު
ޙަޤީޤީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓަރނަލް އޮޑިޓްގެ ރަނގަޅުވުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގައި މިއަދު ފެށި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު މިނިސްޓަރ ވިދާޅުވީ، ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށް ޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށް އިންޓަރނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
''ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން،'' މިނިސްޓަރ ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެ ކޮންފަރެންސުގައި މާލިއްޔަތު ޤާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލާ މަޝްވަރާކުރަން އެދިވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ފެށި މި ކޮންފަރެންސަކީ އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ. އަދި އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އުފެއްދުންވެސް ކޮންފަރެންސްގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ.
މި ކޮންފަރެންސްގެ ޝިޢާރަކީ ''ސްޓްރެންތިން ގަވަރނަންސް: އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް'' އެވެ.
ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ.
މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލަ އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.