ENGLISH
11 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިޚާބުގައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ލުޔެއް!
09 ޑިސެމްބަރު 2025
|
އިލެކްޝަން ކޮމިޝަންސްގެ މެމްބަރުން--ފޮޓޯ: އިލެކްޝަންސް
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް މަގުފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އެވެ.
އިލެކްޝަނުން ބުނީ އޭޕްރީލް 4، 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ފަހިކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ޑިސެމްބަރ 1، 2025 ފެށިގެން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑް ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވި އެވެ.
އަދި މިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެކޮމިޝަނުން ބުންޏެވެ.
މީގެ ކުރިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަންޖެހެނީ އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުޅުވާލާ ތާރީޚުގެ ފަހުން އަންނަ ތާރީޚެއްގަ އެވެ. މިގޮތަށް ކަންތައް ކުރުމުން އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ދަތި އުދަގޫތަކެއް ދިމާވެ އެވެ. މިގޮތަށް ދިމާވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރަން ހުށަހެޅުމުން، އެކަމާ ގުޅޭ އިދާރާތަކަށް ބާރު ބޮޑުވެގެންނެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެންމެ ފަހުން ބޭއްވި މަޖްލިސް އިންތިޚާބުން ފެށިގެން ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރުމަށް ދުރާލާ ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން އަންނަނީ ދެމުންނެވެ.
އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ކުރިން ހުޅުވާލިނަމަވެސް، އެ ރިކޯޑު ހުށަހަޅަނަޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށެވެ.
ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކަކީ:
އިލެެކްޝަންސް ކޮމިޝަނުން ބުނީ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް 7000 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށެެވެ. އަދި އޮފިޝަލުން ހޯދުމަށާއި އެ އޮފިޝަލުންނަށް ޓްރެއިނިން ދިނުމަށް ޓްރެއިނާސް ޓްރެއިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުންވެސް މި އިންތިޚާބަށާއި ޑިމެކޮރެޓިކް ކަންތައްތަކަށް ރައްޔިތުން އަހުލުވެރިކުރުމަށް 12 އަތޮޅަކަށް ޒިޔާރަތްކޮށް، އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ހިންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ހަމައެހެންމެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރައްޔިތުން އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުންޏެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިާޚާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފަ އެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު، މިފަހަރުގެ އިންތިޚާބު އޮންނާނީ ބޮޑު ބަދަލަކާއެކު އެވެ. އެގޮތުން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ނަމަ 5 ކައުންސިލަރުންނެވެ. އަދި މި އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެ އެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެ އެވެ.