ENGLISH
08 ޑިސެމްބަރު 2025
އާ ޚިދުމަތްތަކާއެކު "ޕޮލިސް އެމްވީ" އެޕްލިކޭޝަން އާއްމުކޮށްފި
08 ޑިސެމްބަރު 2025
|
ބަދަލުތަކާއެކު ޕޮލިސް އެމްވީ އެޕްލިކޭޝަން ތަޢާރަފްކުރުން. ފޮޓޯ: ޕީއެސްއެމް ނިއުސް
އާ ޚިދުމަތްތަކާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ "ޕޮލިސް އެމްވީ" އެޕްލިކޭޝަން މިއަދު އާއްމުކޮށްފިއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތެވެ.
ފުލުހުން ބުނީ، އާ އެޕްލިކޭޝަނާއެކު އެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.
ޕޮލިސް އެމްވީ އެޕްލިކޭޝަން އާ ޚިދުމަތްތަކާއެކު އަދާހަމަ ކުރީ އީފާސް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ. މިއީ ރާއްޖޭން ޙާސިލްކުރަން މަސައްކަތް ފަށާފައިވާ މޯލްޑިވްސް 2.0 ގެ އުޞޫލުތަކާއި އެއްގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
އާ އެޕްލިކޭޝަނާއެކު ލިބިގެންދާ ޚިދުމަތްތަކަށް ބަލާއިރު، މައްސަލަ ހުށަހެޅުމާއި، ތަޙްޤީގު ކުރާ މައްސަލަތަކުގައި ހެކި ހުށަހެޅުމާއި، މުޖުތަމަޢުގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު ރިޕޯޓް ކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ. މީގެއިތުރުން، މައްސަލަ ތަޙްޤީގުކުރާ އޮފިސަރުގެ މަޢުލޫމާތާއި އޮފިސަރާ މުޢާމަލާތު ކުރެވޭނެ ނިޒާމު ވެސް އެޕްލިކޭޝަން ތެރެއިން ފަހިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އެޕްލިކޭޝަނުގައި ވަނީ އޮންލައިންކޮށް އެދެވޭ ޚިދުމަތްތައް ވެސް ފަސޭހަކުރުމުގެ އިތުރުން އޮންލައިން އާ ޚިދުމަތްތައް ތަޢާރަފްކޮށްފައެވެ. އެގޮތުން، ފުލުހުންގެ ބަންދުގައި ހުންނަ މީހުންނާއި ބަންދުގައިވާ މީހުންގެ ޤާނޫނީ ވަކީލަކަށް ވުމަށް އޮންލައިންކޮށް މިހާރު ހުށަހެޅޭނެއެވެ.
ގެއްލިގެން ރިޕޯޓްކުރާ ތަކެއްޗާއި، އުޅަނދު ޓޯކުރުމުންނާއި، ފުލުހުންނަށް ހުށަހެޅޭ ސިޓީތަކުގެ އެންމެ ފަހުގެ އަދާހަމަ ވެސް ބެލޭގޮތް ވަނީ ހަދައިފައެވެ. އަދި، ކުށުގެ ރެކޯޑް ސާފުކުރުމަށް ވެސް ފަސޭހައިން އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމު އާ އެޕްލިކޭޝަނުގައި ވަނީ ޤާއިމުކޮށްފައެވެ.
ޕޮލިސް އެމްވީ އެޕްލިކޭޝަނާއެކު، ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެ މުޖުތަމަޢު ރައްކާތެރިކުރުމަށް ފަސޭހަވެގެންދާނެކަމަށް ފުލުހުން ބުނެއެވެ.